Thursday, March 5, 2015

ހަޤީޤީ ހާދިސާ

ބައްޕަ ދެމުންދިޔަ ގެވެށި އަނިޔާތަކަށް ކެތްނުކުރެވިގެން މަންމަ ނިޔާވި ހާދިސާ 



އަހަރެންގެ މަންމަ މި ދުނިޔެ ދޫކޮށްދިޔައީ ބައްޕަގެ އެރަހުމެތްނެތް އަނިޔާވެރި އަމަލުތަކަށް ކެތް ނުކުރެވިގެން. އަދި މަންމަ ނިޔާވުމުން މަންމަގެ އާއިލާގެ ލޯބިން އެ ބައްޕަ އަހަރެމެން މަހުރޫމްކޮށްލި


ނޯޓް: މިހާދިސާގައި ބޭނުންކޮށްފައިވާ ނަންނަމާއި ތަންތަނަކީ އަސްލެއް ނޫނެވެ. އަދި މަސްލަހަތައްޓަކައި ވާހަކައިގެ އަސްލު ނުގެއްލޭ ގޮތަށް ވާނީ ބަދަލުކޮށްފައެވެ.

އަހަރެންނަކީ މިހާރު އުމުރުން 20 އަހަރުގެ ނޫކަށި ފުރައިގެ ޒުވާނެކެވެ. އަހަރެންގެ މަންމަ ނިޔާވީ އަހަރެންގެ އުމުރުން ބާރަ އަހަރުގައެވެ. މަންމައާއި ބައްޕައަށް ލިބިފައިވަނީ އަހަރެންނާއި އަހަރެންގެ ކޮއްކޮ ނާހިލް(އަސްލު ނަމެއް ނޫން) އެވެ. އޭރު ކޮއްކޮގެ އުމުރަކީ އެންމެ 8 އަހަރެވެ. އަހަރެމެންގެ ބޮޑަށް ހުންނަނީ ދޮންތައެވެ.އެއީ މަންމަ އެހެން މީހަކާއި އިނދެގެން ލިބިފައި ހުރި ކުއްޖެކެވެ. އޭރު ދޮންތަގެ އުމުރުން 15 އަހަރެވެ. ދޮންތަ ހުންނަނީ މާލޭގައި ކިޔަވާށެވެ. ރަށުގައި ހިނގާ އެއްވެސް ކަމެއް އަހަރެމެން ދޮންތައަކަށް ނާންގަމެވެ. އަދި މަންމަވެސް މިކަހަލަ އެއްވެސް ވާހަކައެއް ދޮންތައަކަށް ކިޔައެއް ނުދެއެވެ. އެއީ ދޮންތަގެ ކިޔެވުމަށް ބުރޫ އަރާ ފާނެތީއެވެ. މަންމަގެ އާއިލާގެ އެހެން އެންމެން ދިރިއުޅެނީ މާލޭގައެވެ. މާމަ ރަށަށް އަންނަނީ ވަރަށް މަދު ފަހަރެއްގައެވެ. އަހަރެންގެ ބައްޕައަކީ މާލޭން ދެކުނު އަތޮޅެއްގެ (އަސްލު އަތޮޅެއް ނޫން) މީހެކެވެ. ބައްޕަގެ އާއިލާ އުޅެނީ ބައްޕަގެ ރަށުގައެވެ. ނަމަވެސް ބައްޕަ މަންމަށް އަނިޔާކުރާކަން މާމައަށް ވަރަށް ރަނގަޅަށް އެނގެއެވެ. ނަމަވެސް އާއިލާ ރޫޅިގެން ގޮސްދާނެތީ މާމަ މާބޮޑަކަށް މިމައްސަލަ ގަނޑުގެތެރެއަކަށް ނުވަދެއެވެ.

އަހަރެންގެ މަންމައަކީ ރަށުގެ އެންމެވެސް ގަދަރުކުރާ ހީވާގި ގެވެށި މަންމަ އެކެވެ. ފަސްވަގުތު ނާޅާ ނަމާދުކޮށް ޤުރުޢާން ކިޔެވުމަކީ މަންމަގެ އާދައެކެވެ. އަހަރެމެންނަށް އެމަންމަ ވަރަށް ހެވެ. ރަށުގެ ގިނަ މީހުން އަދި ވަކިން ހާއްޞަކޮށް ރަށުން ބޭރުން ރަށަށް ވަޑައިގަންނަވާ މެހްމާނުން މަންމައަށް ޝުކުރުވެރި ބަސްތައް ރައްދުކުރެއެވެ. އެއީ މަންމަ އަކީ ސަރުކާރުގެ ފަރާތުން ރަށަށް އަންނަ މެހްމާނުންގެ ކެއުމުގެ އެންމެހާ އިންތިޒާމެއް ހަމަޖެއްސުމަށް ރަށު އޮފީހުން ކަނޑައަޅާފައިވާ މީހަކަށްވެފައި މަންމަ މެހްމާން ދާރީ އަދާކުރާލެއް ފުރިހަމަކަމުންނެވެ.  މިއީ މަންމަ އޭރު ޢާމްދަނީ ހޯދުމަށް ކުރަމުންދިޔަ މަސައްކަތެވެ. މިމަސައްކަތް ކުރި ނަމަވެސް އަހަރެމެންނަކަށް މަންމަގެ ފަރާތުން ލިބޭ ލޯތްބާއި އަޅާލުމަށް އެއްވެސް އުނިކަމެއް ނާދެއެވެ. މިއީ މަންމަގެ ދިރިއުޅުމެވެ.

ދެންއޮތީ ބައްޕަގެ ވާހަކައެވެ. ބައްޕަ ޢާއްމުކޮށް އުޅެނީ މާލޭގައެވެ. ރަށަށް އަންނަނީ މަހަކު ދެތިން ފަހަރެވެ. ބައްޕައަކީ އެހާމެ ރުޅިގަދަ މީހެކެވެ. ކުޑަކުޑަ ކަމެއް ދިމާވިޔަސް މަންމައާއި ދިމާލަށް އެތައް އެއްޗެއްކިޔައި މަންމަ ރޮއްވާލައެވެ. އަހަރެމެންވެސް ބައްޕަ ދެކެ ވަރަށް ބިރުގަނެއެވެ. ބައްޕަ ފެނިއްޖެއްޔާމު އަހަރެމެންވެސް ތިބެނީ ވަރަށް މަޑުމަޑުންނެވެ. ބައްޕަ މަންމައާއި ދިމާލަށް ކިތަންމެ އެއްޗެއް ކިޔަސް އަހަރެމެންގެ ކުރިމަތީގައި ބައްޕަ މަންމައަކަށް އެއްވެސް އަނިޔާއެއް ކުރާތަނެއް ނުފެނެއެވެ. ނަމަވެސް ބައްޕަ ރަށުގައި އުޅޭ ދުވަސްދުވަހު މަންމަ ފެނުމުން ކޮންމެވެސް ކަމަކާ ހިތާމަކުރާކަން މަންމަގެ ދެލޮލުން ހެކިދެއެވެ. އެއްވެސް އުފާވެރިކަމެއް އެމަންމަގެ މޫނަކުން ނުފެނެއެވެ. ބައެއް ފަހަރު މަންމަގެ އަތުގެ ކޮންމެވެސް ތަނެއް ނޫފައިގަނެފައި ހުންނަހެން އަހަރެންނަށް ހީވެއެވެ. ބައެއް ރޭރޭ މަންމަ ރޯއަޑަށްވެސް އަހަރެންނަށް ހޭލެވެއެވެ.

މިގޮތުން އެއްރެއެއްގެ ރޭގަނޑުގެ ވަގުތެކެވެ. މަންމަ އަހަރެމެންނަށް ކާންދިނުމަށްފަހު ނިދަން އޮށޯއޮތުމަށް ބުންޏެވެ. އެއީ ކޮންމެ ރެއަކުވެސް މަންމަގެ އާދައެވެ. ފިލާވަޅު ދަސްކުރުމަށްފަހު ޖެހިގެން އޮންނަ ދުވަހު ހެނދުނު ސްކޫލަށް ދިއުމަށް އަހަރެން އަވަހަށް ނިންދެވުމަކީ މަންމަގެ އާދައެކެވެ. ނަމަވެސް އެރެއަކީ ބައްޕަ ގޭގައި އުޅޭ ރެއެއްކަމުން ބައްޕަ ދެކެ ގަންނާ ކުރެއްވި ބިރެއްގެ ބޮޑުކަމުން އަހަރެން އަވަހަށް ނިދައިފީމެވެ.

އެރޭގެ ދަންވަރު ގާތްގަނޑަކަށް ބާރަ ޖަހާކަން ހާއިރެވެ. މަންމަ  ވަރަށް ބާރަށް ރޯއަޑު އިވިގެން އަހަރެންނަށް ހޭލެވުނެވެ. ނަމަވެސް އަހަރެމެން ނިދަނީ ވަކި ކޮޓަރިއެއްގައި ކަމުންނާއި ބައްޕަ އުޅޭތީ މަންމަ ކައިރިއަށް ދާން އަހަރެން ޖެހިލުންވިއެވެ. ދެން ކުއްލިއަކަށް އިވުނީ މަންމައާއި ދިމާލަށް ބައްޕަ އެއްޗެތި ކިޔާ އަޑެވެ. އަދި މަންމަ އަނިޔާކުރާ އަޑެވެ. އޭރު މަންމަ ގިސްލަ ގިސްލާފައި އަނިޔާ ނުކުރުމަށް އާދޭސް ކުރަމުންދާ އަޑު އިވެއެވެ. އަހަރެންގެ މިމަޢުސޫމް ހިތަކަށް ކެތެއް ނުވިއެވެ. އަހަރެންނަށްވެސް ރޮވިއްޖެއެވެ. މިއީ އެރެއެވެ.

އެރޭގެ ފަހުން ބައްޕަ ރަށުގައި އުޅޭ ކޮންމެ ރެއަކުވެސް މަންމައަށް ބޮޑެތި އަނިޔާތައް ދެމުންދާކަން އަހަރެންނަށް އެނގެއެވެ. އަދި މަންމަ ހެނދުނު ފެންނައިރު މަންމައަށް އަނިޔާކޮށްފައިވާކަން މަންމަގެ ގައިން ހެކިދެއެވެ. ގިނަ ދުވަސް ދުވަހު ހެނދުނު ފުރައިގެން ބައްޕަ މާލެ ދާނެއެވެ. އަހަރެންގެ މާމަގެ ފަރާތުން އެނގުނުގޮތުގައި ބައްޕަ މަންމައަށް މިއަނިޔާތައް ދެމުންދިޔައީ އެރެއަކު އެކަންޏެއް ނޫނެވެ. ބައްޕަ މަންމައާއި ކައިވެނި ކުރީއްސުރެ ފެށިގެން މަންމަ އުޅެމުންދިޔައީ އެހާލުގައިކަން މާމަގެ ފަރާތުން އެނގުނެވެ. އޭގެ ފަހުންވެސް ބައްޕަ ރަށުގައި އުޅޭ ކޮންމެ ރެއަކީ ބައްޕަ މަންމައަށް އަނިޔާ ދެމުންދިޔަރެއެވެ. ކޮން ސަބަބަކާ ހުރެކަމެއް އަހަރެންނަކަށް ނޭގެއެވެ. މަންމައަކީ ހަމަ ގައިމުވެސް ގޯސް މީހެއް ނޫނެވެ.

މިއަނިޔާތަކުގައި މަންމަ ދިރިއުޅެމުންދިޔައީ ވަރަށްވެސް އެކަނިވެރި ކޮށެވެ. ދުވަހެއް ދުވަހަށް މަންމަގެ ހާލު ދިޔައީ ބޮޑުވަމުންނެވެ. އެންމެ ފަހުން މަންމަގެ މި ބަލި ކެންސަރު ބައްޔަށް ބަދަލުވިއެވެ. އަދި 2004 ވަނަ އަހަރު އިންޑިޔާގައި މިބަށްޔަށް ބޭސްފަރުވާ ކުރަމުން ދަނިކޮށް މުޅި އުމުރަށް އަހަރެމެންނާއި ވަކިވެގެން ދިޔައެވެ. އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން.

މަންމަ ނިޔާވިތާ މާގިނަ ދުވަސްތަކެއް ނުވެއެވެ. އަހަރެންނާއި އަހަރެންގެ ކޮއްކޮ ރަށު ސްކޫލުން ކަނޑާލައިގެން ބައްޕަގެ ރަށަށް އަހަރެމެން ގެންދިޔައެވެ. މިކަމާއި އަހަރެން ވަރަށް ދެރަވިއެވެ. ނުވެސް ދަންނަ ބައެއްގެ ތެރޭގައި އުޅެން ޖެހުމުންނެވެ. މަންމަ މަތިން ހަނދާންވާ ކޮންމެ ފަހަރަކު އަހަރެންނަށް ބުނަން ނޭގޭފަދަ އިހްސާސްތަކެއް ކުރުވައެވެ. ބައްޕަ ދެކެ ފޫހިވެއެވެެ. ބައެއް ފަހަރު ބައްޕައާއި ފިލައިގެން މާމަ ކައިރިއަށް މާލެ ދާންވެސް ހިތަށް އަރައެވެ. ނަމަވެސް ބައްޕަ އޮންނަނީ މަންމަގެ އާއިލާއިން ދޮންތަ ނޫން އެއްވެސް މީހަކާއި ފޯނުން ވާހަކަ ދެއްކުންވެސް މަނާކޮށްފައެވެ. މަންމަގެ އާއިލާގެ އެއްވެސް މީހަކާއި ވާހަކަ ނުދެއްކުމަށްބުނެ އަހަރެންނާއި އަހަރެންގެ ކޮއްކޮއަށް އިންޒާރު ދީ ބިރު ގަންނަވާފައެވެ.  އަދި ޢުމުރުން 18 އަހަރު ފުރުމުން ނޫނީ މާމަ އާއި ބައްދަލު ނުކުރެވޭނެކަމަށްވެސް ބައްޕަ ވަނީ ބުނެފައެވެ. މިއީ އަހަރެމެންގެ ހާލެވެ. މިކަމާ މާމަ ހިތާމަކޮށް ރޮއެ ހަދާކަން ދޮންތަގެ ފަރާތުން އަހަރެންނަށް އެނގެއެވެ. ދޮންތަވެސް މިކަމާދެރަ ވާހަކަ ދައްކައެވެ. މާމަގެ ހަދިޔާއެއް ފޮނުވިޔަސް އެ ހަދިޔާއެއް ބޭނުންކުރަން ޖެހެނީ ބައްޕަ އާއި ވަރަށް ވަގަށެވެ. ނަމަވެސް މިހާރު އަހަރެންނަކީ ޢުމުރުން 20 އަހަރުގެ ޒުވާނެކެވެ. މިހާރު އަހަރެން މާލެ އަންނަ ކޮންމެ ފަހަރަކު މާމަ އާއި ބައްދަލުކުރަމެވެ. ކުޑައިރުގެ ރައްޓެއްސެއްގެ އެހީތެރިކަމާއެކުގައެވެ. އެއީ މާމަގެވެސް ރަށްޓެއްސެއްކެވެ. ކޮއްކޮގެ އުމުރުން މިހާރު 16 އަހަރެވެ. އޭނަ މާލެ އައި ދުވަހުވެސް މާމަ ކައިރިއަށް ދިއުމަށް ބައްޕަ މަނާކުރިއެވެ. މިކަމާ ކޮއްކޮވެސް ހުންނަނީ ބިރުންނެވެ. އެއީ އެކޮއްކޮއަށް 18 އަހަރު ނުވާތީއެވެ. އެހެން ނަމަވެސް ކޮއްކޮއަށް 18 އަހަރު ވަންދެން އެ މާމަ ދުނިޔޭގަ އޮންނާނެކަން ބައްޕައަށް އެގޭހެއްޔެވެ. މިއަދު އެ މާމަ މުސްކުޅިވީ ދުވަހު މަންމަ ގޮތަށް މާމަ ހިތުގަ ޖައްސާކަށް އަހަރެންނަކަށް ނުކެރޭނެއެވެ. އެއީ އަހަރެމެން ދެ މީހުންގެވެސް ލެއެވެ.

ކިޔުންތެރިންނޭވެ. މިއަދު މަންމަ ދުނިޔާގަ ނެތްއިރު މަންމަގެ އާއިލާ ދޫކޮށްލުމަށް ބައްޕަ އެދޭ އެއްވެސް ސަބަބެއް ވިސްނާ ވިސްނާވެސް  އަހަރެންނަކަށް ނޭގުނެވެ. މާމަގެ ފަރާތުންވެސް އެނގިފައެއް ނެތެވެ. އެކަން އެނގޭނީ ބައްޕަ އެކަންޏަށެވެ. މިހާރުވެސް ބައްޕަ މަންމަގެ އާއިލާއަށް ނަފްރަތުކުރެއެވެ. ނަމަވެސް އަހަރެން މިއަދު މަންމަގެ އާއިލާއަށް ހަމްދަރުދީވަމެވެ. އެއީ ބައްޕަ މަންމަގެ އާއިލާއަށް ކުރަމުންދިޔަ ޖެއްސުންތަކާއި ގޯނާތަކަށް މަންމަގެ އާއިލާއިން މިއަދާއި ހަމައަސްވެސް ކެތްކުރީތީއެވެ. އަހަރެންނަށް މިއަދު މަންމަގެ އާއިލާއެކޭ ބައްޕައެކޭ އެއްވަރެވެ. ބައްޕަ ކިތަންމެ ރުޅިގަދަޔަސް ބައްޕަ ދެކެ އިންތިހާއަށް ލޯބިވެއެވެ. ނަމަވެސް މަންމަގެ އާއިލާއާއި މިއަދު ވަކި ވެވޭކަށް ނެތެވެ.
...........................................................................................................


No comments:

Post a Comment