Saturday, March 7, 2015


     ހަޤީޤީ ހާދިސާ

އެ ބައްޕަގެ އަނިޔާ

ފިރިހެން ކުއްޖެއްގެ އުމުރުން އެންމެ 8 އަހަރުން ފެށިގެން އެކުއްޖާގެ ބައްޕަ އެކުއްޖާއަށް 
ނަފްސާނީ ގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ދެމުންދިޔަ ގޮތުގެ ވާހަކަ



އަހަރެންނަކީ ރާއްޖޭގެ އެންމެ އުތުރުން އޮންނަ އަތޮޅުގެ އާދައިގެ ރަށެއްގައި ދިރިއުޅެމުންދާ ޢުމުރުން 24 އަހަރުގެ ފުރާ ފުރިހަމަ ވެފައިވާ ނޫކަށި ފުރައިގެ ޒުވާނަކީމެވެ. ދިރިއުޅެމުންދަނީ އާދައިގެ ރަށްފުށުގެ ދިރިއުޅުމެވެ. ރަށުގެ ގަދަރުވެރި ވަޒީފާއެއް އަދާކުރަމުން މައިން ބަފައިންނަށް ޚިދުމަތް ކުރަމުން މިގެންދަނީ މިއަދު ނުހަނު އުފަލާއި އެކުގައެވެ. މަންމައާއި ބައްޕަގެ ހުންނަނީ އަހަރެންގެ އިތުރުން އަންހެން ކޮއްކޮއެކެވެ. އެ ކޮއްކޮގެ ކިޔެވުމުގެ އެންމެހާ ކަންކަން ބަލަހައްޓަނީވެސް ހުދު އަހަރެންނެވެ. މާޒީގައި ބައްޕަގެ ފަރާތުން ކިތަންމެ ބޮޑު އަނިޔާއެއް ލިބުނު ނަމަވެސް އެއީ ހުދު އަހަރެންގެ ބައްޕައެވެ. މިއަދު އެ މުސްކުޅި ބައްޕަ ބަލަން ހުރީވެސް އަހަރެންނެވެ. އަހަރެންގެ ހިތުގައި އެ ބައްޕައަށް ކިތަންމެ ނަފްރަތެއް ކުރި ނަމަވެސް އަހަރެންގެ މަންމަ ބައްޕަ ދެކެވާ ހަޤީޤީ ލޯތްބެއްގެ ސަބަބުން އެމަންމަގެ ގަދަރާއި ކަރާމަތަށްޓަކައިވެސް އެދުވަހު އަހަރެންނަށް މިކަން ސިއްރު ކުރަން މަޖުބޫރުވީއެވެ. ނަމަވެސް ދުވަހަކުވެސް ބައްޕަދެކެ އަހަރެން ލޯތްބެއް ނުވެއެވެ. ނުވެސް ވާނަމެވެ. އެބަފައިވަންތަކަމުގެ ލޯބި މިވަނީ އަހަރެންގެ ޅަ ޢުމުރުގައި ބައްޕަ އެކުރި ހަޑިމުޑުދާރު ޢަމަލުގެ ސަބަބުން ކަފުންކޮށް ވަޅުލާފައެވެ.

އަހަރެންގެ މިކިޔައިދެނީ އަހަރެންގެ މާޒީގައި ދިމާވި މިހިތްދަތި ހާދިސާއެވެ. އެކުވެރިންނޭވެ. ކަނޑުލާ އަޑުއަހާށެވެ. އަހަރެންގެ ބައްޕައަކީ ވަރަށް ރުޅިގަދަ މީހެކެވެ. ކަމަކާ ރުޅިއައިސްފިނަމަ މަންމައާއި ދިމާލަށް ނުކިޔާކަ އެއްޗެއް ނުހުންނާނެއެވެ. ބައްޕަ ހިތްހަމަ ނުޖެހޭ ގޮތަކަށް މަންމައަށް ކިތަންމެ ކުޑަ ނަމަވެސް ކަމެއް ކުރެވިއްޖެނަމަ އެކަމެއްގެ ރޯޅި މަންމައަށް ބާލާނެއެވެ. މަންމަގެ ރޯ ރުއިންތައް އަހަރެންނަށް ކިތަންމެ ސިއްރު ކުރަން އުޅުނުނަސް ސިއްރެއް ނުކުރެވޭނެއެވެ. އިރުއަރާ އޮއްސޭ ކޮންމެ ދުވަހެއް ކަހަލަ ގޮތަކަށް މަންމައަށް ލިބެމުން އެދާ އަނިޔާތައް އަހަރެންނަށާއި އަހަރެންގެ ކޮއްކޮއަށް ފެނެއެވެ. އަހަރެން ކުރިމަތީގައިވެސް ބައްޕަ މަންމައަށް ހަދާލަނީ ހަދާނެ ގޮތެކެވެ. މިކަމާ ބައްޕަ ދެކެ އަހަރެން ހުންނަނީ ވަރަށް ބިރުންނެވެ. ބައްޕަ ފެނުނަސް ވަރަށް ބިރު ގަނެއެވެ. މިގޮތުން އެއްދުވަހަކު ގޭތެރޭގައި ބައްޕަ މަންމައަށް އަނިޔާކުރަނިކޮށް އަހަރެންނަށް ފެނުނެވެ. އަހަރެންނަށް ބަލާކަށް ނުހުރެވުނެވެ. މަންމަ ދުރު ކުރެވޭތޯ ބެލީމެވެ. އެވަގުތު ބައްޕަ އަހަރެންގެ ގައިގާ ހިފާ ޅަ ބުޅާގަނޑެއް ފަދައިން ބިންމައްޗަށް ހޫރާލިއެވެ. އަހަރެންނަށް ބާރަށް ރޮއިގަނެވުނެވެ. މަންމައަކަށް ކެތެއް ނުކުރެވުނެވެ. މަންމައައިސް އަހަރެން ނަގައި ރޮއެގެންފައި އަހަރެންގެ ގައިގައި އޮޅުލައިގަތެވެ. އަދި ގައިގައި ބޮސްދީ ފިރުމަން ފެށިއެވެ. މަންމަ އަހަރެން ދެކެ ކިތަންމެހާވެސް ލޯބިވެއެވެ. އެހެންކަމުން އަހަރެން އެތަނުން ތެދުވެގެންގޮސް ކޮޓަރިއަށް ވަންނަން ދޮރުހުޅުވާލީމެވެ. އެވަގުތު އަހަރެންނަށް ފެނުނީ ކޮޓަރިތެރޭގައި ކޮއްކޮ ގިސްލަ ގިސްލަފައި ރޯން އިން މަންޒަރެވެ. އަހަރެން ދުވެފައި ގޮސް ކޮއްކޮގައިގައި ބައްދާލީމެވެ. އަދި ކޮއްކޮ ނުރޯށޭ ބުނީމެވެ. އެދުވަހަށްފަހު އަހަރެންނާއި އަހަރެންގެ ކޮއްކޮވެސް ބައްޕަ ދެކެ އިންތިހާއަށް ބިރު ގަންނަން ފެށިއެވެ. ބައްޕަގެ އަޑު ކަންފަތުގައި ޖެހުނަސް ހުންނަނީ ނަފްސާނީ ގޮތުން ވަރަށް ބޮޑަށް ބިރު ގަތްފައެވެ. ނަމަވެސް މަންމަގެ އެ އޯގާތެރި ފިރުމުންތަކުން ބައެއް ފަހަރު މި ނަފްސަށް ސިފާއެއް ލިބެމުންދާ ކަހަލައެވެ.

އޭގެ އެއް އަހަރު ފަހެވެ. އަހަރެންގެ އުމުރުން 8 އަހަރު ފުރިއްޖެއެވެ. އަހަރެމެންގެ ގޭގައި ހުންނަނީ އެއްކޮޓަރި ކަމުން ކޮއްކޮއާއި އަހަރެން ނިދަނީ މަންމައާއި ބައްޕަގެ ކޮޓަރީގައެވެ. ނަމަވެސް މާކަގިނަ ދުވަހެއް ނުވެ ބައްޕަ ގޭގައި އިތުރު ކޮޓަރިއެއް ހެދިއެވެ. އަދި އަހަރެންނަކީ ބޮޑު ކުއްޖެއް ކަމަށާއި މީގެ ފަހުން އެކޮޓަރީގައި ނިދާނީ އުޅޭނީ އަހަރެން ކަމަށް ބުންޏެވެ. އެހެންކަމުން އަހަރެން އެކޮޓަރިއަށް ބަދަލުވީމެވެ. އަދި އެއީ އަހަރެންގެ ހިތަށް ފިނިކަމެއް ލިބޭނެކަމެއްކަން އަހަރެންގެ ޅަ ސިކުނޑި އަހަރެންނަށް ވިސްނައި ދެމުން ދިޔައެވެ. ނަމަވެސް އެހާ ކުޑައިރު އެކަނި ކޮޓަރިއެއްގައި އުޅުމަކީ އޭރު އަހަރެން ވަރަށް ބިރު ގަންނަ ކަމެކެވެ. އެހެން ނަމަވެސް އެކަމަކާ އެއްވެސް ޝަކުވާއެއް ނުކުރަމެވެ.

މިގޮތުން އެއްރެއަކު އަހަރެން ކޮޓަރީގައި ނިދަން އޮއްވާ ބައްޕަ އަހަރެންގެ ކޮޓަރިއަށް ވަނެވެ. އަދި ބައްޕަ ނިދާނީ މިކޮޓަރީގައި އަހަރެންނާއި އެކު ކަމަށް ބުންޏެވެ. އަހަރެން މިކަމާ ވަރަށް ބިރު ގަތެވެ. އެއީ ބައްޕަ އަންނަ ރުޅީގައި އަހަރެންނަށް ކޮންމެ ފަދަ ގޮތެއްވެސް ހަދާލަފާނެކަން އެނގޭތީއެވެ. ބައްޕަ އައުމުން އަހަރެން ޖެހެލުންވެ އިންތަން ފެނުމުން ބައްޕަ އައިސް އަހަރެންގެ ގައިގައި ފިރުމާލާފައި އެދުގައި އޮވެ ނިދަން އެންގިއެވެ. އަދި ބައްޕަވެސް އަހަރެންނާއެކު އެދުގައި ނިދަން އޮށޯތެވެ. އަހަރެންނަށް ނިދިއްޖެއެވެ. އަރާމު ނިދީގައި އަހަރެން ނިދާފައި އޮއްވާ މީހެއްގެ އަތުގެ ބީހިލުމުގެ އިހްސާސް އަހަރެންގެ ޅަ ހަށިގަނޑަށް ކުރަން ފެށިއެވެ. މިބީހިލުމާއި އެކު އަހަރެންނަށް ސިއްސައިގެން ހޭލެވުނެވެ. އޭރުވެސް އަހަރެންގެ ބައްޕަ އަހަރެންގެ އެއްމެ ނާޒުކު ގުނަވަނުގައި އަތްކާއްތަމުން ދިޔައެވެ. އެވަގުތު އަހަރެން ބިރުން ހުރެ ބައްޕަގެ އެއަމަލާ ދުރައް ޖެހެލެވުނެވެ. އެވަގުތު ބައްޕަ ރުޅިވެރިކަމާއެކު ބުންޏެވެ. މިވާހަކަ އެއްވެސް މީހެއްގެ ކައިރީ ބުނެފިއްޔާމު ކުޅި ދައްކާލާނަމެވެ. ބައްޕަގެ މި ރުޅިވެރިކަމުގެ އަޑު އަހަރެންގެ ކަންފަތުގައި ޖެހުމާއެކު ބިރުން ތެޅިގަނެވުނެވެ. ނަަމވެސް ކުރާނެކަމެއް ނެތެވެ. މަންމަގެ ކައިރީ މިވާހަކަ ބުނެފިއްޔާމު އަހަރެންގެ ދުވަސް ދިޔައީއެވެ. މިހެންހިތާ ބިރުން ހުރެ އަނެއްކާވެސް އެދުގައި އޮށޯވެ ނިދީއެވެ. އަހަރެންނަށް ހޭލެވުނު މަންމަ ބަދިގެއަށްވަދެ ސައިހަދަން އުޅެއެވެ. ބައްޕައެއް ގެއަކު ނެތެވެ. އެހެންކަމުން ފާހާނާއަށްވަދެ މޫނު ދޮވެލައިގެން މަންމަ ކައިރިއަށް ދިޔައީމެވެ. އަދި ބައްޕަ ރޭގަ އަހަރެންގެ ކޮޓަރީގައި ނިދީ ކީއްވެހޭ މަންމަކައިރީ ބުނީމެވެ. އަދި އަހަރެން ބައްޕަ ދެކެ ބިރުގަންނަ ކަން މަންމައަށް އެނގޭ ނޫންހޭ ބުނީމެވެ. މިހެން ބުނުމުން މަންމަ ބުންޏެވެ.

ދަރިފުޅާ! ބައްޕަ ދެކެ ކިތަންމެ ރުލިއަޔަސް އެއީ ދަރިފުޅުގެ ބައްޕަ. ބައްޕަ ދަރިފުޅުގެ ކޮޓަރީގައި ނިދަނީ ދަރިފުޅު އެކަނި ކޮޓަރީގައި ނިދަން ބިރު ގަންނާނެތީ. މާބޮޑަށް ތިކަމާ ނުވިސްނާ!

މަންމަ މިހެން ބުނުމުން އަހަރެންނަކަށް ބުނާނެ އެއްޗެއް ނޭގުނެވެ. އިތުރަށް ގަތީބިރެވެ. ބައްޕަ ދެން އަހަރެންނަށް ހަދާލާނެ ގޮތަކާއި މެދުގައެވެ. ނަމަވެސް މަންމައަށް ކުރާ އިތުބާރެއްގެ ބޮޑުކަމުން މިކަން މާބޮޑުކަމަކަށް އަހަރެން ނުހަދަމެވެ.

ދުވަސްތައް މާޒީވެދެއެވެ. އެރެއަށްފަހު ބައްޕަގެ އެ އަމަލުތައް އިންތިހާއަށް އިތުރުވިއެވެ. ކޮންމެ ރެއަކުހެން އަހަރެންނަށް ބިރު ދައްކައިގެން އަހަރެން ލައްވާ ފާހިޟް އަމަލުތައް ކުރުވައެވެ. އަދި މިވާހަކަތައް މަންމައަށް ކިޔައިދީފިނަމަ ދެން ހަދާނެގޮތް އެގޭނީ ބައްޕައަށްކަމަށް ބުނެ ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން އަހަރެންނަށް އަނިޔާތައް ދެމުން ގެންދިޔައެވެ. އެކަންކަމަށް އެދުވަހު އަހަރެންނަށް ކެތް ކުރުން ނޫން ގޮތެއް ނެތެވެ. ބައްޕަ އަހަރެންލައްވާ ގަދަކަމުން ބައްޕަގެ ޖިންސީ އެދުން ފުއްދަމުން ގެންދިޔައެވެ. ބިރުދައްކައިގެންނެވެ. ބައްޕަގެ މިޢަމަލުގެ ސަބަބުން އަހަރެން ހުންނަނީ މާޔޫސް ވެފައެވެ.

މިގޮތުގައި ދުވަސްތައް މާޒީވެދެއެވެ. އަހަރެން ބޮޑުވަމުން އައިއިރު ބައްޕަ މަންމައާ ދިމާލަށް ބުނެލާ ރަޙްމެއްނެތް އެތަކެއް ބަސްތަކެއް ދިޔައީ އަޑު އިވެމުންނެވެ. މަންމައަށް ކުރެވެމުން ދިޔަ އެތަކެއް އަނިޔާތަކެއް ދިޔައީ ލޮލަށް ފެންނަމުންނެވެ. ބައްޕަ ދިޔައީ އެނުބައި ފާހިޝް ޢަމަލު އަހަރެން ލައްވާ ކުރުވަމުންނެވެ. މި ބިރުވެރިކަމުގެ ތެރެއިން މިންޖުވާނެގޮތެއް އަހަރެންގެ ޅަ ސިކުނޑިއަކަށް ނުވިސްނެއެވެ.

އަހަރެން ބައްޕަދެކެ ގަންނަ ބިރެއްގެ ސަބަބުން މަންމައަށް އަދި އެހެންމީހަކަށްވެސް އެއްވެސް ވާހަކައެއް ކިޔައެއްދޭކަށް ނުކެރެއެވެ.  އެއީ އެއްވެސް ވާހަކަ މީހެއްގެ ކައިރީ ނުދައްކާން ބައްޕަ އޮންނަނީ އަހަރެންނަށް ބިރު ދައްކާފައެވެ. ފުރަތަމަ ކޮޅުގައި އަހަރެންލައްވާ ބައްޕަ އެކަންކުރުވަމުން އައީ މަޖުބޫރުކޮށްގެންނެވެ. އަނގަ ނުހުޅުވަން އުޅެފިނަމަ އަނގަޔަށް ފިތާ ތަދުކޮށްލައިގެން ނަމަވެސް އަނގަހުޅުވާ ވަރުކުރާނެއެވެ. ބައްޕައާއި ކައިރި ނުވާން އަހަރެން އުޅެފިނަމަ ކޮންމެވެެސް އަނިޔާއެއް އަހަރެންނަށް ދޭނެއެވެ. އަހަރެން ރޯ ރުއިމަކަށް ލޮލުން އޮހޭކަރުނައަކަށް ބައްޕަ ސަމާލުކަމެއް ނުދޭނެއެވެ. އަހަރެންގެ ފަރާތުން ބައްޕަގެ އެދުން ފުއްދަން ބޭނުންވާ ރެއަކު އެ އެދުން ފުއްދުނީމަ ބައްޕަ ނިކުމެގެން ދަނީއެވެ. އެހެންކަމުން ފަހަކަށް އައިސް އަހަރެން ބައްޕަގެ އެ އެދުމާ ދެކޮޅު ހަދާކަށް ނޫޅެމެވެ. އަވަހަށް ބަލަނީ އެކަންކޮށް ނިންމާލެވޭތޯއެވެ. ބައްޕަގެ ކިބައިން ސަލާމަތްވާނީ އޭރުންކަމުގައި އޭރު ހީވެފައިވާތީއެވެ.

މިހުރިހާ ކަމެއްގެ ސަބަބުން ނަފްސާނީ އަދި ޖިސްމާނީ ބަލީގެ ޝިކާރައަކަށް އަހަރެންވެ ނިމިއްޖެއެވެ. އަމިއްލަ ނަފްސަށް އޮންނަ އިތުބާރު ގެއްލިގެންދިޔައެވެ. ކަންކަމާ ކުރިމަތިލާން ނުކެރި ޖެހިލުންވެ ބިރު ގަނެ ފަސްޖެހެން ފެށުނެވެ. ނެގިމަޑުވެ ވާހަކަ މަދުވާންފެށިއެވެ.  ދުނިޔެމަތިން ފޫހިވާންފެށިއެވެ. އަދި ދުވަހެއް ދުވަހަކަށް ދިޔައީ މޫނުމަތިން ހިނިތުންވުން ވެސް ގެއްލެމުންނެވެ. ގެއިން ބޭރަށް ނުކުންނަންވެސް ފޫހިވާންފެށިއެވެ. ކޮޓަރީގެ ހަތަރުފާރު އަހަރެންގެ އެކުވެރިއަކަށް ވިއެވެ. އަދި ހަމައެހެންމެ އަހަރެންގެ ހިތުގައި ބައްޕައާމެދު ދުވަހެއް ދުވަހަކަށް ދިޔައީ ނަފްރަތުގެ ހުޅުގަނޑު ރޯވެ ބޮޑުވަމުންނެވެ. މީހުންނަށް އަހަރެން ފެންނާނީ ބަސްއަހާ ބަސްމަދު ކިޔަމަންތެރި ކުއްޖެއް ގޮތުގައެވެ. އަހަރެންގެ އަސްލު މައްސަލައެއް އެކަކަށްވެސް ނޭގެއެވެ. އެކަކުވެސް އަހަރެންގެ އަސްލު ސަބަބު ދެނެގަންނާކަށް މަސައްކަތެއްވެސް ނުކުރެއެވެ. ހުދު މިކަމާބެހޭގޮތުން މަންމަވެސް އެއްވެސް ސުވާލެއް ނުކޮށްލައެވެ.  އެ މަންމައަށް މިއަދު އެއްވެސް ކަމެއް ނޭގޭނެއެވެ. ނަމަވެސް މަންމަ އަހަރެންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލްތަކާމެދު ވިސްނާ ފިކުރުކޮށްލިނަމަ ހުރިހާ އެއްޗެއް މަންމައަށް އެދުވަހު ދެނެގަނެވުނީހެވެ. އެހެންނަމަވެސް މަންމައަށް އަހަރެންގެ އުޅުމަށް އަންނަމުން ދިޔަ ބަދަލްތައް ޤަބޫލްކުރެވުނީ އަހަރެންގެ މިޒާޖުގެ ގޮތުގައެވެ.

އަހަރެން ބައްޕަދެކެވާ ފޫއްސާއި، އަންނަ ރުޅި އޮންނަނީ އަހަރެންގެ ހިތުތެރޭގައި ފޮރުވާފައެވެ. ކިތަންމެ ރުޅިއަޔަސް ފާޅުކުރާކަށް ނުކެރެއެވެ. ބައްޕަ ބުނާ އެއްޗަކަށް ރައްދުގައި އެއްޗެއް ބުނެލަންވެސް ބިރުގަނެ ޖެހިލުންވެއެވެ.

ދުވަސްތައް މާޒީއާއެކު އެކުވަމުން ގޮސް އަހަރެންގެ އުމުރުން ސާދަ އަހަރު ފުރިގެން ހިނގައްޖެއެވެ.  ޅަދޮޅު ޒުވާނަކަށް ވެއްޖެއެވެ. ދެންއައީ އެރެޔެވެ. އާކަމެއް ތަޖުރިބާ ކުރަންޖެހުނު ރެޔެވެ. އެރޭ ބައްޕައަށް އަހަރެން ފެނުނީ ޒުވާން އަންހެން ކުއްޖެއްގެ ސިފައިގައެވެ. އެރެޔަކީ އަހަރެންނަށް އެތަކެއް ވޭނަކާއި ރިހުމެއް ތަހައްމަލް ކުރަންޖެހުނު ރެޔެކެވެ. އަހަރެންނަށް ހީވީ ހަށިގަނޑުގައިވާ ހުރިހާ ގުނަވަންތަކެއް ހަނޑޫ މުގުރާ ދައްޗަކުން މުގުރާލި ހެންނެވެ. ބައްޕަ އަހަރެންގެ ގައިގައި ބާރަށް ދައިގަންނަން އެރޭ މަސައްކަތް ކުރަމުން ދިޔައެވެ.  އަހަރެން އެކަމާ އިންތިހާއަށް ދެކޮޅު ހެދީމެވެ. ކަރުނަ އަޅާ ރުއީމެވެ. ނަމަވެސް އެ ބައްޕަގެ ޖައްބާރު ހިތަށް އަހަރެންނާއިމެދު އެއްވެސް ހަމްދަރުދީއެއް ނުބަހައްޓައެވެ. ހިތެއްވެސް ނެތީއެވެ.  ދެން ފެށީ އަހަރެންނަށް އަނިޔާކުރާށެވެ. މޫނުމަތީ އެތައް ފަހަރަކު ޖެހިއެވެ. ގައިގައި ބާރު ހުރި ބޮޑު ފިރިހެނަކު ކުޑަކުއްޖެއްގެ މޫނުމަތީގައި އެތައްފަހަރަކު މިގޮތަށް އަތްދަމާ ޖެހީމާ ކުރާ އިހްސާސް އެނގޭނީ އަހަރެން ފަދައިން އަނިޔާ ލިބެމުންދާ މަޢުސޫމް ކުދިންނަށެވެ. މިގޮތަށް އެތައް ފަހަރަކު ޖެހުމުން އަހަރެންގެ ތުންފަތް ފަޅާގެން ގޮސް ލޭވެސް އަޔެވެ. އެންމެފަހުން އަހަރެންނަށް ޖެހުނީ ބައްޕަގެ އެދުމަށް އާބަސް ބުނާށެވެ. އަހަރެން އެރޭ ރޮއެ ރޮއެ އޮއްވާ ބައްޕަ ބޭނުން ހުރިހާކަމެއް ކޮށްލީއެވެ. އެއްވެސް ރަހްމެއްނެތި އެބައްޕަގެ ހަޑިމުޑުދާރު ޢަމަލު ހިންގީއެވެ. އޭރުވެސް ގައިގެ އެތަން މިތާނގައި ވޭން އަޅައެވެ. މިހެން ތެޅިތެޅި އެނދުމަތީ އޮއްވާ ނިދިއްޖެއެވެ.

 ހެނދުނު ހޭލެވުނުއިރުވެސް ގައިގައި އަޅަމުންދިޔަ ވޭނަށް ކުޑަކޮށްވެސް ލުޔެއް ނުލިބެއެވެ. އެނދުން ތެދުވެ ރަނގަޅަށް ހިނގައިވެސް ނުލެވުނެވެ. ފާރުގައި އަތްލައިގެންހުރެ މަޑު ފިޔަވަޅުތަކެއް އަޅަމުންގޮސް ކޮޓަރި ދޮރު ހުޅުވާލީމެވެ. މަންމަ ފެންނަ ހިސާބެއްގައި ހުރިތޯ ބަލާލުމަށްފަހު ފެންނަން ނެތުމުން ކޮޓަރިން ނިކުތީ ގިފިލި (ފާހާނާ) ކޮށްލުމުގެ ބޭނުމުގައެވެ. ގިފިލި ހުންނަނީ ގެޔާވަކިންނެވެ. އެތަނަށް ދެވޭނީ ގެއިން ބޭރަށް ނުކުމެ މަގުމައްޗާ ވީ ފަޅިންނެވެ. މަގުމަތީ މީހަކު ފެންނަން ހުރިތޯ ބަލާލީމެވެ. މީހަކު ފެންނަން ނެތުމުން 04 ފޫޓަށް ރާނާފައިވާ ގޭގެ ވަށާފާރުމަތީ އަތް އަޅަމުން މަޑުމަޑުން ހިނގައިގަތީމެވެ. ދެވުނީ ވަކި ހިސާބަކަށެވެ. މަންމަ އަންނަތަން ފެނުމުން ހުއްޓެމުން އަނގަމަތީ އަތްއަޅާލީ އަނގަކައިރިން ދުޅަވެފައިވާތަން މަންމައަށް ފޮރުވުމުގެ ބޭނުމުގައެވެ. އެއީ ރޭގައި ބައްޕަ ބޭނުންވާ ކަންތަކާ ދެކޮޅު ހެދުމުން ކޮށްފައިވާ އަނިޔާއެވެ.

''..ދަރިފުޅާ.. ހާދަލަހުން ހޭލެވުނު ދުވަހެއް..'' މަންމަ ބުނި އަޑު އިވުނެވެ. އަހަރެން އަނގަޔަކުން ނުބުނަމެވެ. އަހަރެން އޮތީ  ފާރުމަތީ އުޅަނބޮށި ވިއްދާލައިގެން ގުދަށްކަހަލަ ގޮތަކަށެވެ. ޖަވާބެއް ނުދިނުމުން ސައިބޯން އައުމަށް ބުނެ، މަންމަ ވަނީ އެތެރެއަށެވެ. އަހަރެން ފުން ނޭވާ އެއްލަމުން މަޑުމަޑުން ހިނގައިގަތީމެވެ.

''..ދަރިފުޅާ!.. ތަނަކަށްތަދުވަނީތަ؟..” އަހަރެންގެ ހަށިގަނޑު ގުނަވަންތައް ގަނޑުވިކަހަލައެވެ. ފަހަތުން އެއިވުނީ މަންމަގެ އަޑެއް ނޫނެވެ. ފިރިހެނެއްގެ އަޑެކެވެ. ގައިމުވެސް ބައްޕަގެ އަޑެއް ނޫނެވެ. ފާރުގައި ލެގިލަމުން ދޭނެ ޖަވާބަކާމެދު ވިސްނަމުން ކާކުތޯ ބަލާލީމެވެ. އެއީ ބައްޕަ ފަރާތު ބޮޑުބޭބެއެވެ.

''..ބޮޑުބޭބެ ކޮންއިރަކު ރަށަށް އައީ..'' އަހަރެން ވާހަކަ އޮޅުވާލަން ބުނީމެވެ. އެއީ ބޮޑުބޭބެ އުޅެނީ މިރަށާ ކައިރި އެހެން ރަށެއްގައެވެ. ނަމަވެސް ބޮޑުބޭބެ އަހަރެން ކުރި ސުވާލަށް ޖަވާބު ދިނުމަކާ ފާޑަކަށް އަހަރެންނާއި ދިމާލަށް ބަލަހައްޓައިގެން ހުރެ ބުންޏެވެ. ''..ކިހިނެއް ތި ހިނގަނީ..”  އަހަރެން އެއްޗެކޭ ނުބުނަމެވެ. ބޮޑުބޭބެއަށް ޝައްކުވީ ކަންނޭގެއެވެ. އަހަރެން ހާސްވާންފެށިއެވެ.އަހަރެން ދޭނެ ޖަވާބެއް ނޭގިފައި ހުއްޓާ އަނެއްކާވެސް ބޮޑުބޭބެ ބުންޏެވެ.  އަނގަމައްޗަށް ކިހިނެއް ހަދާފަ..''
އޮޅުވާލުމުގެ ގޮތުން އަހަރެން ބުނީމެވެ. ..ވެއްޓުނީ.. މިއުޅެނީ ބަނޑުގަ ރިހޭތީ..” އަދި ހަމަޖެހޭގޮތް ދައްކަމުން ކައިރީ ހުރި ޖޯއްޔަށް އަހަރެން ޖެހިގަތީމެވެ. އެޔާއެކު ހީވީ ހަށިގަނޑުގައި މީހަކު ވަކި ދަމާލިހެންނެވެ. ދެލޯ މަރާ ބާރުކޮށްލަމުން ޖޯލިން ފޫކޮޅު ހިއްލާލެވުނީ އެޅި ވޭނެއްގެ ބޮޑުކަމުންނެވެ. ކުޑަވަގުތު ކޮޅަކަށް ބޮޑުބޭބެ މަތިންވެސް ހަނދާންނެތުނު ކަހަލައެވެ. ދެލޯ މަރާ ބާރުކޮށްގެން އިނދެވުނީއެވެ.  

''ދަރިފުޅާ..” އަހަރެން ލޯ ހުޅުވާލީ މަންމަ ގޮވާލިއަޑު އިވުމުންނެވެ. ''ދަރިފުޅު އެނދުމަތީ ކޮންލެޔެއް އެހުރީ.. ނަޖިސްވެސް މަންމައަށް ބުނެވުނީ އެހިސާބަށެވެ. އަހަރެން އަނގަމަތި ފެނުމުން ހުއްޓުން އެރީއެވެ. ބޮޑުބޭބެ ހުރި ފިޔަވަޅު މަތީ ހުއްޓެވެ. މަންމަގެ ސުވާލުތައް އަމާޒުވާން ފެށިއެވެ. އަހަރެންނަށް ދޭނެ ޖަވާބެއް ނޭގިފައި ހުރެވުނީއެވެ. އެހެންހުއްޓާ ބޮޑުބޭބެ މަންމަ އަތުގައި ހިފަހައްޓައިގެން ގޭތެރެއްޔަށްވަނެވެ.

އެދުވަހަކީ މަންމައާއި ބޮޑުބޭބެއަށް ބައްޕަގެ ހަޤީޤީ ސިފަ އެނގުނުދުވަހެވެ. އަހަރެން އެއްވެސް ވާހަކައެއް ނުބުނަމެވެ. ބޮޑުބޭބެއަށް ހުރިހާކަމެއް ވިސްނުނީއެވެ. އަހަރެން ކައިރީ ތެދެއްތޯ އެހުމުން ރޮވުނީއެވެ. މަންމަވެސް ވަރަށް ރުޔެވެ. އަހަރެންގައިގައި އޮޅު އޮޅުލަ އޮޅުލާފައެވެ. މާފަށްވެސް އެދުނެވެ.   ބޮޑުބޭބެ ހުރީ ރުޅި ގަދަވެފައެވެ. އެއާ ރުޅީގައި އަހަރެން އެހެންރަށަކަށް ކިޔަވަން ގެންދިޔައީއެވެ. އަދި ރަށު ސުކޫލުން ކަނޑާލައި އެރަށު ސުކޫލަށް ބަދަލުކުރީއެވެ. އެއް ހަފްތާފަހުން  މަންމަ އާއި ކޮއްކޮ އެރަށަށް ގެނެވުނެވެ. ބައްޕައަށް ވީނުވީގޮތެއް ނޭގުނެވެ. ފަހުން އެނގުންގޮތުގައި އާއިލާގެ ލަދަށްޓަކައި ބައްޕަގެ އެ މުޑުދާރު ޢަމަލުތައް މަންމަމެން ސިއްރުކުރީއެވެ. އެސިއްރު ފަސްލާ ފޮރުވާލީއެވެ. ބޮޑުބޭބެ ބައްޕައަށް އިންޒާރު ދީ ކައިރި ރިޒޯޓަކަށް ވަޒީފާއަށް ފޮނުވާލީއެވެ.

ބޮޑުބޭބެއަށް އެދުވަހު މުހިންމު ވީ އާއިލާގެ އިއްޒަތާ އަބުރު ރައްކާތެރިކުރުމެވެ. ބައްޕަ އަކީ ބޮޑުބޭބެގެ ކޮއްކޮއަށް ވުމުން ބޮޑުބޭބެގެ އެދުމަށް މަންމަވެސް އެކަން ސިއްރުކުރީއެވެ. އަހަރެންނަށް އެތައް އަހަރެއް ވަންދެން ލިބުނު އަނިޔާތަކާމެދު ކުޑަކޮށްވެސް ވިސްނައެއް ނުލައެވެ.

މުޖުތަމައުގައި ހިނގާ މިފަދަ ޢަމަލުތައް ހުއްޓުވޭނީ ކުށްވެރިންނަށް ހައްޤު އަދަބު ލިބިގެންކަން މަންމައަކަށް ނުވިސްނުނީތީ އެދުވަހު އަހަރެން ވަރަށް ދެރަވިއެވެ. އެގޮތަށް ކުށްވެރިން ކުރާ ކުށްތައް ސިއްރުކޮށް މުޖުތަމަޢު ތެރެއަށް އުޅެން ދޫކޮށްފައި ބޭތިއްބުމުން މާދަމާ ޚަލާކުވެދާނީ އަހަރެން ކަހަލަ ކޮންމެވެސް އެހެންމީހެއްގެ މަޢުސޫމް ކުއްޖެއްގެ ދިރިއުޅުމެއްކަން ބޮޑުބޭބެއަށްވެސް ނުވިސްނުނީތީ އަހަރެން ދެރަވިއެވެ.

ދުވަސްތައް މާޒީއާއި އެކުވަމުންދެއެވެ. ބައްޕަ ރިޒޯޓަށް ދިޔަފަހުން ދޭތެރެއަކުން އައިސް އަހަރުމެން ކައިރީ އުޅެއެވެ. ބައްޕަގެ މިޒާޖަކަށް މާ ބޮޑު ބަދަލެއް ނާދެއެވެ. އޭގެ ފަހުންވެސް ރުޅި އައިސް ޒުވާބުކޮށް ހަދައެވެ. ހަމައެކަނި ހުއްޓުނީ މަންމައަށް ކުރެވެމުންދިޔަ އަނިޔާތަކާއި، އަހަރެންނަށް ކުރަމުންދިޔަ ޖިސްމާނީ ހާނިކަތަކެވެ. އަދިވެސް އަހަރެން ހުރީ ނަފްސާނީ ބިރުވެރިކަމެއްގެ ތެރޭގައެވެ. ކުރިޔަށް އޮތްތަނުގައިވެސް ބައްޕަގެ ފަރާތުން އެފަދަ ނޭދެވޭ އަމަލެއް ނުހިންގާނެކަމުގެ އެއްވެސް ޔަޤީންކަމެއްނެތެވެ. އެހެންކަމުން އަހަރެން ހުންނަނީ ބިރުން ސިހިސިހި އެވެ.

ބައްޕަ އެއްވެސް ލަދުވެތިކަމެއްނެތި އަހަރެންނާއި އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެއެވެ. މިއަދު އެލަދާއި ، ބިރުގަންނަނީވެސް ހުދު އަހަރެންނެވެ. ބައްޕަ އަހަރެން އުޅެންވީގޮތާ ނޫޅެންވީގޮތް ބުނެ އަމުރުކޮށްވެސް ހަދައެވެ. އަހަރެން ހިތުން ވަރަށް މިއަދު ބައްޕައަށް ވަރަށް އެއްޗެހިކިޔަމެވެ. ލަދުހަޔާތުގެ ކަންފުޅެއްވެސް އެބައްޕަގެ ނެތީބާއޭ ހިތަށްއަރައެވެ.

 އެއީ މާޒީއެވެ. މިހާރު އަހަރެން ވިސްނަމުން މިދަނީ އަހަރެންގެ އަލަތު ކައިވެނި ކުރެވޭނެ ދުވަހެއްގެ އިންތިޒާރެވެ. ޒަވާޖީ ހަޔާތަކަށްފަހު މައިންބަފައިންނާއި ވަކިން އެހެން މާހައުލެއްގައި ދިރިއުޅުން ވޭތުކުރުމަށެވެ. އެއީ މަންމަ ދެކެ ކިތަންމެ ލޯބިވިޔަސް އެ ބައްޕައާއި އެކު އެއްފުރާޅެއްގެ ދަށުގައި ދިރިއުޅެން ބޭނުންނުވާތީއެވެ. މިއަދު ބައްޕަގެ ފަރާތުން އެފަދަ އަނިޔާއެއް ނުލިބުނު ނަމަވެސް މާޒީވެދިޔަ ކަންތައް އަހަރެންގެ ހިތުން ދުވަހަކުވެސް ފޮހެވިގެންނުދާނެތީއެވެ.
............................................
މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނާ ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެމްބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނިކަކޮށް މުޖުތަމަޢު އިން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލެވެ. އެކުދިންގެ މުސްތަޤްބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤްބަލް ވެއްޔާލާ މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ  ބަފައިން މިފަދަ ޢަމަލުތައް ދަރިންނާއި މެދު ނުހިންގުމަށް އަޅުގަނޑުމެން ނަޞޭހަތްތެރިވަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނެމަ އެކަން ސިއްރު ނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މީހުން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ހަރުއަޑުން ގޮވާލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނިކައެކެވެ. ލިބޭ ވަރަށް ބޮޑު އަނިޔާއެކެވެ. މިކަމުގެ ސަބަބުން މިދުނިޔެއިން ނިމިގެންދަނީ ކިތައް ކިތައް މަޢުސޫމް ކުދިންބާވައެވެ.

......................

No comments:

Post a Comment