ފިރިމީހާ ނިޔާހަޤީޤީ ހާދިޝާާ
ފިރިމީހާ
ނިޔާވުމުން 4 ކުދިން ގޮވައިގެން އަންހެނަކު ބިކަހާލުގައި
މިއީ ހަޤީޤީ ހާދިޝާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ހިޔާލީ ލިޔުމެކެވެ.
މިވާހަކަ ލިޔުމުގެ ބޭނުމަކީ މުޖުތަމައުގައި އުޅޭ މިފަދަ އާއިލާތަކުން އިބްރަތެެއް
ހާޞިލްކޮށް މިފަދަ ޔަތީމު ކުދިންނަށް އެހީތެރިކަން ފޯރުކޮށްދޭނެ އަތްތަކެއެް
ހޯދުމެވެ.
ދަރިންނަށް
ރަނގަޅު މުސްތަޤްބަލެއް ހޯދައިދިނުމުގެ ފޮނިފޮނި އުންމީދުގައި ފިރިމީހާ އާއި އެކު
އަޅުގަނޑު އުފަންރަށް ދޫކޮށް މާލެ ބަދަލުވީމެވެ. ސަބަބަކީ ރަށުގައި އިންސާނީ
ޚިދުމަތްތައް ފޯރުކޮށްދޭ ވަޞީލަތްތައް މަދުކަމެވެ. ރަނގަޅު ތަޢުލީމެއް ލިބޭނެ
މަދުރަސާއެއް ރަށުގައި ޤާއިމްވެފައި ނެތުމެވެ. އެހެންކަމުން އަޅުގަނޑުމެން
މާލެއިން އެއްކޮޓަރި އެޕާރޓްމަންޓެއް ކުއްޔަށް ހިފީމެވެ. އަދި ދުވާލުދާ ހަތަރުދަމު
ލޯބޯ ފިއްސައިގެން ގައިން ދާއޮހޮރުވައިގެން ފިރިމީހާއަށް ލިބޭ އާމްދަނީގެ މައްޗަށް
ބަރޯސާވެ، ހަތަރު ކުދިންނަށް ކިޔަވައިދިނުމާއި އެކުދިންގެ އަސާސީ ހައްޤުތައް
ފުރިހަމަކުރަމުން އަޅުގަނޑުމެން ދިޔައީމެވެ. އުފާވެރިކަމާއި
ހިތްހަމަޖެހުމާއެކުގައެވެ. އާއިލާގެ ފުރިހަމަ ލޯތްބާއި އެކުގައެވެ. މިގޮތުގައި
ދުވަސްތައް ފާއިތުވެ ދަނިކޮށް އަޅުގަނޑުގެ އެންމެ ބޮޑު ފިރިހެން ކުއްޖާގެ އުމުރުން
11 އަހަރުގައި އަޅުގަނޑުގެ ފިރިމީހާ ކުއްލިގޮތަކަށް ނިޔާވިއެވެ. މިހިތާމަވެރި
ހާދިސާއާއި ގުޅިގެން އަޅުގަނޑު ހުވަފަތްވެ 4 ކުދިން ހާލުގައި ޖެހުނެވެ. ގެއަށް
ކުލި ދެއްކޭނެ ގޮތެއް އަދި ދަރިންނަށް ކިޔަވައިދޭނެ ގޮތެއް ނެތުމުން އަޅުގަނޑަށް
ހަދާނެގޮތް ހުސްވި ކަހަލައެވެ. ކަމެއްކޮށްދޭންވެސް އަދި ކުދިންގެ
ބަލަދުވެރިޔަކަށްވެސް ދެންހުރީ ހަމައެކަނި އެކުދިންގެ ބައްޕަ އާއި އެއްބަނޑު
އެއްބަފާ ބޭބެއެކެވެ. އެބޭބެ އަޅުގަނޑުމެންނަށް ވަރަށް ރަނގަޅެވެ. ކުދިންނަށް
އޯގާތެރިއެވެ. އެހެންކަމުން ބޭބެގެ އެދުމުގެ މަތިން އަޅުގަނޑު ކުދިން ގޮވައިގެން
ރަށަށް ބަދަލުވީމެވެ. އަދި ފިރިމީހާއާއި އެކު ރަށު ކުރިން ދިރިއުޅުނު ގޭގައި އަލުން
ދިރިއުޅެން ފެށީމެވެ. އާއިލާގެ އެހީތެރިކަމާއެކުގައެވެ. ނަމަވެސް އަޅުގަނޑުގެ
އާއިލާއަކީ މާ ފޯރުންތެރިބަޔަކަށް ނުވުމުން ކުދިންގެ ކުރިމަގަށް އިތުރަށް ވިސްނަން
ޖެހުނެވެ. ރަށުގައި ކުދިން ބަލަމުން ކުރެވެން ހުރި މަސައްކަތެއްކޮށްގެން ނަމަވެސް
ކައިބޮއެ ހަދާލެވޭ ވަރު ވަނީ ކިރިޔާއެވެ. ނަމަވެސް ބޭބެގެ ދީލަތި އެހީ ކުދިންނަށް
ފޯރުކޮށްދެވޭތޯ ބޭބެ އަބަދުވެސް މަސައްކަތް ކުރަމުންދާކަން އެނގެއެވެ. އެއީ
ބޭބެއަކީވެސް މީހަކާ އިނދެ ކުއްޖަކު ހުރި މީހަކަށް ވުމާއެކު، ބޭބެއަށްވެސް ގޮތެއް
އޮތިއްޔާ އަޅުގަނޑުގެ ކުދިންނަށްވެސް އެހީތެރިވެ ދިނުމަކީ ބޭބެގެ ޒިންމާއަކަށް
ވާތީއެވެ. ބޭބެ ދެކެނީ އެކުދިންނަކީވެސް ބޭބެގެ ކުދިންގެ ގޮތުގައެވެ. އެހެންކަމުން
ކުދިންގެ މުސްތަޤްބަލް އިތުރަށް އުޖާލާކުރުމުގެ ފޮނި އުންމީދުގައި ކަމާބެހޭ
ފަރާތްތަކުގެ އެހީތެރިކަން ހޯދުމަށް ބޭބެ ވަނީ މަސައްކަތްކޮށްފައެވެ. ނަމަވެސް
އެކަންވެސްވީ ބޭކާރެވެ.
މިގޮތުގައި
ދިރިއުޅުން ވޭތުކުރަމުންދަނިކޮށް ކުއްލިއަކަށް ބޭބެގެ އަންހެނުންގެ ފަރާތުން އެހެންކަހަލަ
އަޑުތަކެއް އިވެންފެށިއެވެ. ބޭބެ އަޅުގަނޑާއި ގާތްގުޅުމެއް އޮންނަ ވާހަކައެވެ.
ނަމަވެސް ތެދަށް ބުނަން ހެއްޔެވެ. އަޅުގަނޑާއި ބޭބެއާއި ދެމެދު އެކަހަލަ އެއްވެސް
ގުޅުމެއް ދުވަހަކުވެސް ނޯންނާނެއެވެ. އަޅުގަނޑު ދެކެނީ އެއީ ހަމަ އަޅުގަނޑުގެ
އެއްބަނޑު އެއްބަފާ ބޭބެއެއްގެ ގޮތުގައެވެ.
ދިރިއުޅުމުގައި
މިކަހަލަ އެތައް ހަރުފަތެެއް ގިރާކުރަންވެސް ޖެހޭނެއެވެ. އަޑުތައްވެސް އިވޭނެއެވެ.
ނަމަވެސް ކެތްތެރިކަމާއެކު ކުރިއަށް ދިއުމަކީ ދިރިއުޅުމުގެ މާތްސިފައެކެވެ.
އަޅުގަނޑުގެ ބޮޑަށްހުރި ފިރިހެން ދަރިފުޅަށް ރަށުން ކިޔެވެންހުރި އެންމެ
މައްޗަކަށް ކިޔެވިއްޖެއެވެ. އެއީ ގްރޭޑް 7 ކާއި ހަމައަށެވެ. އޭރު އޭނާގެ އުމުރުން އެނެމެ
13 އަހަރެވެ. ބޭބެގެ އެދުމުގެ މަތިން އޭނާއަށް އިތުރަށް ކިޔަވައިދިނުމުގެ
ބޭނުމުގައި މާލެގެނައެވެ. އަދި ބޭބެގެ އަންހެނުންގެ ގޭގައި ކިޔަވަން ބެހެއްޓިއެވެ.
ނަމަވެސް ބޭބެގެ އަންހެނުންނަކީ ޒީލަގަދަ އަދި ފިރިމީހާގެ މައްޗަށް ނުފޫޒާއި
ބާރުގަދަ މީހަކަށްވުމުން އަޅުގަނޑުގެ ދަރިފުޅަށް އޭނާ މާބޮޑު ފަރުވާލެއް
ނުބަހައްޓައެވެ. ބޭބެ ގޭގައި ނެތް ގަޑިތަކުގައި އެދަރިފުޅާއި ދިމާލަށް ފަހަރި
އެއްޗެތި ކިޔައެވެ. އަދި ފަހަރި ހިތްހަމަ ނުޖެހޭ ގޮތަކަށް ކަމެއް ކުރެވިއްޖެނަމަ
އެދަރިފުޅާ ދިމާލަށް އެއްޗެތިކިޔާ ހެދުމުން އެދަރިފުޅަށް ރޮވެއެވެ. އެފަދަ
މަޢުސޫމް ކުދިންނަށް ކަމޭ ހިތުމުގެ ބަދަލުގައި މިއަދު ފަހަރި ކުރަނީ ނަފްރަތެވެ.
އެއީވެސް ބައެއް މީހުންގެ ތޮބީއީ ސިފައެއްކަންނޭގެއެވެ. ދަރިފުޅު އުފުލާވޭން އަޅުގަނޑަށް
ތަހައްމަލްކުރެވެއެވެ. ނަމަވެސް އަޅުގަނޑު ބެލީ ދަރިފުޅުގެ މުސްތަޤްބަލަށެވެ.
ދަރިން ހެޔޮގޮތުގައި ތަރުބިއްޔަތު ކުރުމަށެވެ. މިގޮތުގައި މާ ގިނަދުވަސްތަކެއް
ނުވެއެވެ. އެއްދުވަހަކު އިވުނީ ފަހަރި އެދަރިފުޅު ގެއިން ނެރެލި ވާހަކައެވެ.
މިކަމާ ބޭބެ ފަހަރިއަށް ވިސްނަދޭން މަސައްކަތްކުރިއެވެ. ނަމަވެސް އެއީ ފަހަރިގެ
ގެއެވެ. ބޭބެއަކަށް ބާރެއް ނޯވެއެވެ. އެހެންކަމުން ބޭބެއަށް ޖެހުނީ ރައްޓެއްސެއްގެ
ގޭގައި ދަރިފުޅު ބަހައްޓާށެވެ. އެއީވެސް ބޭބެގެ ދިރިއުޅުމަށް ބަނަކަމެއް
އައިސްދާނެތީއެވެ. އަޅުގަނޑުވެސް އެދެނީ ބޭބެއަށް ފާގަދި އުފާވެރި ދިރިއުޅުމެކެވެ.
އެހެންނަމަވެސް ފަހަރި، ބޭބެއާއި ދިމާލަށް އަޅުގަނޑާ
އަޅުވާ ކިޔައި އެއްޗެހި ކިޔުމެއް ނުހުއްޓުނެވެ. އޭނާ ބޭނުންވީ ބަހަނާއެއް
ދައްކައިގެންވެސް ބޭބެގެ ކައިރިން ވަރިވާށެވެ. ފަހަރި ދެކޭގޮތުގައި ފަހަރިއަކީ
މާލޭގައި ގެދޮރު ހުރި މީހެކެވެ. އެހެންކަމުން ބިކަހާލުގައި އުޅޭކަމަށް
ނުޖެހެނެކަމަށެވެ. ނަމަވެސް އެއްވެސް ވަރަކަށް އެކަން އެގޮތަށް ކުރީ ފަހަރިގެ
އުފަން ދަރިފުޅާއި މެދު ވިސްނާނުލައެވެ. އެދަރިފުޅަށް ބައްޕަގެ ލޯބިވެސް
ބޭނުންވާނެއެވެ. އަޅުގަނޑު މިކަމާ ވަރަށް ދެރަވިއެވެ. އަޅުގަނޑާއި ހެދި މިއަދު
ބޭބެގެ ދިރިއުޅުންވެސް ބަރުބާރުވާން ޖެހުމުންނެވެ. މިއަދު ބޭބެވެސް ދިރިއުޅެނީ އެ
ބޭބެގެ ދަރިފުޅާވެސް ވަކިންނެވެ. ދަރިފުޅު ދެކެ ކިތަންމެ ލޯބިވިޔަސް މިއަދަކު
އެބޭބެވެސް ދަރިފުޅު ގޮވައިގެން ވަންނާނެ ގެދޮރެއް ނެތެވެ. އެހެންކަމުން ބޭބެގެ
ދަރިފުޅު ހުންނަނީ އޭނަގެ މަންގެ ގާތުގައެވެ. މިއީ ބޭބެގެ ވާހަކައެވެ. ނަމަވެސް
މިއަދު އަޅުގަނޑު މިކިޔައިދިނީ އަޅުގަނޑުގެ އަމިއްލަ ދިރިއުޅުމުގެ ވާހަކައެވެ.
އަޅުގަނޑު
ފަދައިން ތިޔައިން ކޮންމެ މީހަކަށްވެސް މިފަދަ ހާލަތެއް މެދުވެރި ވެދާނެއެވެ. އަދި
ކޮންމެ މީހަކީވެސް އަނެކާގެ
އެހީތެރިކަމާއި އަޅާލުން ބޭނުންވާނެ މީހެކެވެ. އެދުވަހަކުން އެމީހަކަށްވެސް
ވިސްނޭނެއެވެ. ކިތަންމެ މުއްސަނދި މީހާވެސް ފަޤީރުވެދާނެއެވެ. އަދި ނިކަމެތި
މީހާވެސް މުއްސަނދި ވެދާނެއެވެ. ނަމަވެސް ހިތާމައަކީ އަޅުގަނޑު ފަދައިން
ދިރިއުޅެމުންދާ އެކަނިވެރި މަޔަކަށް މިއަދު އެހީތެރިވެދޭނެ މީހަކު ނެތްކަމެކެވެ.
ބޭބެއަކީވެސް މިއަދު އެކަނިވެރިއެވެ. އިސްލާމްދީނުގައި އެކަކު އަނެކަކަށް
އެހީތެރިވެ އޯގާތެރިކަމާއެކު އަޅާލުމަށް ގޮވާލާއިރު، މިއަދު މިމަންޒަރު ފެންނަނީ
ވަރަށް މަދުކޮށެވެ. ޚާއްޞަކޮށް ޔަތީމު މީހާ ޔަތީމު ވެގެންދާއިރު ގިނަ ފަހަރަށް
މިކަން ދެނެތިބި މީހުން ތިބޭނީ ކުޅި ބަލާށެވެ. އޭގެ ބަދަލުގައި ޔަތީމު ކުދިންނަށް
އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމަކީ ދެދުނިޔޭގެ ބާއްޖަވެރިކަން ހުރިކަމެއްކަން
ދަންނާށެވެ. އެވެސް ހެޔޮނިޔަތުގަިއ ކޮށްދީފިނަމައެވެ. އަދި ހަމަ އެހެންމެ
ޔާތީމުންނާއި މިސްކީނުންނަށް އެހީތެރިވުމަކީ ތިމާއަށް ލިބޭނެ މުއްސަނދިކަމުގެ
ތެރެއިން ބޮޑު މުއްސަނދިކަމެއްކަން ދަންނާށެވެ. މިއީ ތިބާގެވެސް އުހުތެކެވެ. ތިބާ
ފަދައިން މުސްލިމް އުޚްތެކެވެ. ތިބާގެ ދަރިންފަދައިން ނިކަމެތި ދަރިންތަކެއް
ބަލަމުންގެންދާ މަަޔަކީމެވެ. އަޅުގަނޑުގެ އެދުމަކީ އަޅުގަނޑުގެ ދަރިން ފަދައިން
މުޖުތަމަޢުގައި އުޅޭ ޔަތީމު ކުދިންނަށް ދީލަތި އަތްތަކެއްގެ އެހީތެރިކަމެއް
ފޯރުވައިދިނުމެވެ. އެކުދިންނަށް
އޯގާތެރިވެ، އަޅާލާނެ ބަޔަކު މިމުޖުތަމައުގެ ތެރޭގައި ތިބުމެވެ.
...................................................................................................
No comments:
Post a Comment