އެ މައުސޫމް
ފުރާނައަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލައްވާށި! އާމީން
މިއީ
ހަޤީޤީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ވާހަކައެކެވެ. މިވާހަކައިގައި
ބޭނުންކޮށްފައިވާ ނަންނަމާ ތަންތަނަކީ އަސްލެއްނޫނެވެ.
މިހާދިސާއަކީ ތިޔަ ކިޔުންތެރިން ބައެއް
މީހުން އަޑު އަހާފައިވާ ހާދިސާއަކަށްވުންވެސް އެކަށީގެންވެއެވެ. ނަމަވެސް އަޅުގަނޑު
މިހާދިސާ މިލިޔެލަނީ މިހާރުގެ ޖީލުތަކަށް މިހާދިސާއިން އިބްރަތެއް
ހާޞިލްކޮށްދިނުމުގެ ފޮނިފޮނި އުންމީދުގައެވެ.
މައިންބަފައިން ތިމާގެ ތުއްތު ތުއްތު ދަރިފުޅަށް އޯގާތެރިވެދޭށޭ ބުނެ
އާދޭސް ކުރާ ހާލުގައެވެ.
ދުވަސްވަރަކީ މަޝްހޫރު ބޮޑުތަދުގެ ދުވަސްވަރެވެ. '' ބޮޑުތަދު'' އަކީ
ދެވަނަ ބޮޑު ހަގުރާމައާއި ވިދިގެން
ދިވެހިން ކާން
ބޯނެ އެއްޗެއްނެތި އުނުއަންނާނެ އެއްޗެއް ނެތިފައިތިބި ދުވަސްވަރެވެ. މުއްސަދިން އެމީހުންގެ މުއްސަނދި ކަމުގެ ފައިދާ ނަގައިގެން މީސްމީހުންގެ އަނބިންނާއި، ޅަފުރާގެ
ރީތި އަންހެން ކުދިން އެމީހުންގެ
ފައިސާގެ
ދަޅައަށް ގެންގުޅުނު ދުވަސްވަރެވެ. ފަގީރުން ބާނާ މަސްކޮޅު މިދަންނަވާ މުއްސަނދިން ފޭރިގަން ދުވަސްވަރެވެ. ރަށުގައިވާ ރުއްގަސްތައްވެސް މިދަންނަވާ މުއްސަނދިން ވެރިވެގަނެން
އުޅުނު ދުވަސްވަރެވެ. އެދުވަސްވަރު (ދެވަނަ ބޮޑުހަގުރާމައާއި ވިދިގެން އައި
ބޮޑުތަދުގެ ދުވަސްވަރު) ރާއްޖޭގެ
ރަށްރަށުގެ ރައްޔިތުން އުޅުނީ ވަރަށްވެސް ބިކަ ހާލުގައެވެ.
އަޅުގަނޑުގެ ވާހަކަތައް ނުހަނު ޝައުގުވެރިކަމާއެކު
ކިޔުއްވަމުންގެންދާ ލޮބުވެތި ކިޔުންތެރިންނޭވެ. މަތީގައިވާ
އިބާރާތްކޮޅަކީ މަޝްހޫރު ބޮޑުތަދުގެ ދުވަސްވަރު ތިޔަ ކިޔުންތެރިންނަށް
ސިފަކޮށްދިނުމުގެ ބޭނުމުގައި ލިޔެފައިވާ އިބާރާތްކޮޅެކެވެ. އެކަމަކުވެސް ރާއްޖޭގެ
ބައެއް ރަށްރަށުގައި މިކަންތައް ދެވަނަ
ބޮޑުހަގުރާމައިގެ
ދުވަސްވަރު ހިގާފައިވާތީ މަޝްހޫރު ބޮޑުތަދު ސިފަކޮށްދިނުމުގެ ގޮތުން އެ އިބާރާތް އެގޮތަށް ލިޔެލީމެވެ.
މިއީ
ރާއްޖޭގެ ދެކުނުގެ އަތޮޅަކަށް ނިސްބަތްވާ ރަށެއްގައި ހިނގި ހާދިޝާއެކެވެ. އެދުވަސްވަރަކީ ބަނޑުހައި ހޫނުކަން
އިންތިހާއަށް ގޮސްފައިވާ ދުވަސް ވަރެކެވެ. އެ ރަށަކީ މީސްކޮޅު
މަދު ރަށަކަށް ވުމާއެކު ގިނަމީހުން އުޅެމުން ދިޔައީ ވަރަށް ދަތި ޙާލުގައެވެ. ބަނޑުހައި ހޫނުކަން އިޙުސާސް ކުރަމުންނެވެ.
ބައެއްމީހުން ބަނޑު ފުރާނަ މުއްތި ކުރަމުން ގޮސްފައިވަނީ
މަގޫފަތާއި، އަހިވައްފަދަ އެއްޗެހި ކައިގެންެނެވެ. ދަންވަރު މީހުންގެ ރުއްގަހުން
ވައްކަންކޮށްގެންނާއި މިނޫންވެސް މިފަދަ ކާއެއްޗެހި ތަންތަނުން ލޫޓުވައިގެންނެވެ. އެރަށު މީހުން އެފަދަ ޙާލަތަކަށް ވެއްޓެން
ދިމާވި އެންމެ ބޮޑު ސަބަބެއްކަމުގައިވީ
ކައިރީ ރަށްރަށުން މީހުން ދަންވަރު ރަށަށް އަރާ ވައްކަން
ކޮށްގެން ރުއް ރުކުގައި ހުންނަ ކުރުނބާ އާއި އަދި ގޭގައި ހުންނަ މިނޫންވެސް އެފަދަ ކާން ބޭނުންކުރާ އެއްޗެހި ލޫޓުވައިގެން
ގެންދާތީ ކަމުގައި ބުނެވެއެވެ.
އެދުވަސްވަރު ހުރިހާ ރަށެއްގައިވެސް މީހުން ދިރިއުޅެނީ ހަމަ މިފަދަ ހާލެއްގައެވެ.
އެއީ ވަޒީފާއެއް ލިބޭނެ ދުވަސްވަރެއް ނޫނެވެ. ކާންބޯން ކުރާ މަސައްކަތަކީ
ދަރުހޮވުމާއި، ކާށި ހޮވުން ފަދަ ކަންކަމެވެ. މުޅި ވަލުތެރޭގަ އަތްފުނާ އަޅައިގެން މުޅި ދުވަހުގެ ކެއުމަށް ލިބެނީ ވަރަށް މަދު
އެތި ކޮޅެކެވެ. ކެއުން ބުއިމުގެ
ކަންތައް މިފަދަ ގޮތަކަށް ހުރި އިރު ބައެއް މީހުންނަށް އުނުއޮރިޔާން
ނިވާ ކޮށްލާނެ ފަދައެއްވެސް ނުވެއެވެ. މަދު މީހެއް ފިޔަވައި މީހަކަށް
އެއްޗެއް ދިއްކޮށްލެވޭ ފަދައެއް އަނެކާގެ އަތަކު ނުވެއެވެ.
މިފަދަ
ދުވަސް ވަރެއްގައި އެރަށުގައި އުޅުނު ނިކަމެތި ޢާއިލާއެކެވެ. އެދެމަފިރިންނަށް ޢުމުރުން 9 އަހަރު ނުވާ 3 ކުދިން ލިބިފައިވެއެވެ. މި 3
ކުދިންގެ ތެރެއިން ދޮށްޓަށް
7 އަހަރާ 8 އަހަރުގެ ދެ ކުދިން ތިބެއެވެ. އެންމެ ހަނގަށް އޮންނަނީ އަހަރު ނުވާ ތުއްތު ތުއްތު
ކުއްޖެކެވެ.
މިދެމަފިރިންނަކީ
އެމީހުން ބަނޑުއަޅާ ވިހޭ ދަރިންނަށް އެއްވެސް ރަހުމެއް ނެތް ދެމަފިރިންނެވެ. ތިމާ
އުފަންދަރިންނަށް ކާނެ އެއްޗަކާއި ބޯނެ ފެންފޮދެއްވެސް ހޯދައިދޭ ބައެއް ނޫނެވެ.
ނަމެއްގަ ކުދިންނެވެ. ނަމަވެސް މިކުދިންގެ މައިން ބަފައިން މިކުދިންނާ އަޅާނުލި
ކަމުގައި ވީނަމަވެސް މިކުދިންގެ ތެރެއިން ބޮޑަށް ތިބި ދެކުދިން ރަށުތެރެއަށް
ނިކުމެ މީހުންނަށް ސަލާންޖަހައިގެން ބަނޑުފުރާނަ މުއްދި ކުރެއެވެ. އެހެން ނަމަވެސް
އަހަރު ނުވާ އެ ތުއްތު ކުއްޖާއަށް ކުރެވޭނެކަމެއް ނޯވެއެވެ. އަދި ދެވޭނެ ދިމާލެއް
ނެތެވެ. އެކުއްޖާގެ ކަމަކީ ރުއިމެވެ. މިކުއްޖާ ރުއިމުގެ އަޑު އިވޭ ހިސާބުން މީހަކު
ދާނަމަ މިކުއްޖާ ފެނި އެމީހަކު ހިތުގައި ޖެހި، ކޮންމެވެސް ގޮތަކުން މިކުއްޖާއަށް
އެހީވެދެއެވެ.
ނަމަވެސް
މި ދެމަފިރިންގެ ކުލުނެއްގެ ކަންފުޅެއްވެސް ނެތެވެ. ދަރިން ހުސްބަނޑާ ރޮއެރޮއެ
ތިއްބާ އެކި ތަންތަނުން ކާއެތިކޮޅު ހިފައިގެން ދަރިންނަށް ނުދީ ދަރިންގެ
ކުރިމަތީގައި ކައި ހަދައެވެ. އެއްދުވަހަކު މި ދެމަފިރިން ބަދިގޭގައި ދޮރު ތަޅު
ލައިގެން ތިބެ ދަރިންނަށް ނުދީ ކަމުންދިޔަ މަންޒަރު ދަރިންނަށް ފެނުނެވެ. މިމަންޒަރު ބަލަން ދަރިން ބަދިގޭގެ ބޭރުގައި ރޮއެލަ
ރޮއެލާ ތިއްބެވެ. ބަނޑުހައި ހޫނުކަން މަތީގައެވެ.
އެޒަމާނުގައި
ބަދިގެ ފަދަ ތަންތަން ހަދާފައިހުންނަނީ ރުކުގެ ފަނުގެ އޮށި ބޭނުންކޮށްގެންނެވެ. އެހެންކަމުން
ދެ އޮށި ދޭތެރެއިން ރީއްޗަށް ބަދިގޭގެ އެތެރެ ފެންނަން ހުރެ އެވެ.
އެ 3 ކުދިންގެ ތެރެއިންވެސް އަހަރު ނުވާ އެ ވޭނީ އަސަރުން ފުރިގެންވާ މައުސޫމް
ތުއްތު ތުއްތު
އަޑު އިވުމަކުން އެ ދެމަފިރިންނަށް އެއްވެސް އަސަރެއް ނުކުރެއެވެ. އެ އެ މަޢުސޫމް ކުއްޖާގެ
ވޭނީ ރުއިމުގެ އަޑުވެސް ނީވޭ ކަހަލަ އެވެ. މީ މިދެމަފިރިންގެ އާދަ އެވެ. ތިމާގެ ބަނޑުއަޅައި ވިހާ
ދަރިން ބަނޑުހައި ހޫނުކަންމަތީ ވޭނީ އަސަރާއެކު ރޯލަ ރޯލަ ތިއްބައި އެ ކުދިންގެ
ކުރިމަތީގަ ތިބެ މަންމަ އާއި ބައްޕަ ބަނޑުފުރާ ކައިގެން އެތިބީ އެވެ. އެއީ
ތިމާމެންގެ އުފަން ދަރިންނެވެ. ތިމާގެ ލެއެވެ. އެވެސް މައިންބަފައިން ހެއްޔެވެ.
ނުވަތަ އިންސާނުން ހެއްޔެވެ؟ އިންސާނިއްޔަތު ކަމެއް ނެތްތާގައި
ރަޙުމެއް ޙަމްދަރުދީގެ ކަންފުޅެއްވެސް މި ދެ މީހުންގެ ހިތުގަ ހަމަ ނެތީބާވައެވެ.
މައިލަގޮނޑިއަށް ކެތްނުވެއޭ ބުނާ އަޑުއަހަމެވެ. މި މަންމަގެ މައި
ލަގޮނޑިއެއްވެސް ނެތީ ބާވައޭ ހިތައް އަރައެވެ. އަދި ބަފާ ހިތަކީވެސް ގަރަހިތައެއް
ބާވައޭ އެހިތަށް އެއްވެސް އެއްޗެއް ނާރަނީ ބާވައެވެ. ކަންމިހެން ހުރުމުން މި 3
ކުދިންގެ ތެރެއިން ބޮޑަށްތިބި 2 ކުދިން މަގުމައްޗަށް ނިކުމެ ނާށިގަނޑު ހިފައިގެން
މީހުންގެ ކައިރިން ސަލާން ޖަހަން ފެށިއެވެ. އަދި ކާއެތިކޮޅެއް ނުލިބިއްޖެނަމަ
މީސްމީހުންގެ ގެއިން ވައްކަން ކޮށްގެންވެސް މިކުދިން ކައިގެން އުޅެން ފެށިއެވެ.
މިދެކުދިން ބޮޑުވަންދެންވެސް އުޅެމުން އައީ މިގޮތަށެވެ.
މި ތިން
ކުދިންގެ ތެރެއިން އެންމެ ތުއްތު ކުއްޖާގެ
ހާލަކީ ކޮބައިބާވައެވެ. ބުނެވޭ ގޮތުގައި އެ ތުއްތު ކުއްޖާ އަކީ
ވަރަށް ރޫފަ ރަނގަޅު ވަރަށް ދޮން ރީތި ކުއްޖެކެވެ. ކާން ނުދީ ބޭއްވުމުގެ
ސަބަބުން މި ކުޑަ ދަރިފުޅު އަބަދު އޮންނަނީ ރޯލަ ރޯލަ އެވެ. ހައި
ހޫނުކަން ފިލުވައި ދިނުމަށް އެދި ފެންފޮދެއް ނަމަވެސް މިއަރުތެރެއަށް ފޯރުކޮށް
ދޭށޭ އެ ތުއްތު ކުއްޖާގެ ރުއިމުގެ އަޑުން ބުނަމުންދާ ކަހަލައެވެ. އެންމެ ފަހުން އެ ތުއްތު ފުރާނައާ ހެދި
މިދެމަފިންނަށް ވީ ބޮޑު މުޞީބަތަކަށެވެ.
އެހެން ކަމަށް ވުމުން އެ ދެމީހުން ނިންމީ އެ މައުސޫމް ދަރިފުޅު އާދެ! އެމީހުން މުޞީބަތެއް ކަމުގައި ދެކެމުން އައި
އެލޯބި ލޯބި ދަރިފުޅު
އަބަދަށްޓަކައި މިދުނިޔެއިން ނެތިކޮށްލުމަށެވެ.
އާދުވަހަކަށް
އިރުއަރައިފިއެވެ. އަމާން ހިތްފަސޭހަ ދުވަހެކެވެ. ނަމަވެސް އެ ތުއްތު ތުއްތު މައުސޫމް ފުރާނައަށް ބިރުވެރި
ދުވަހެއްގެ ގޮތުގައެވެ. އާދައިގެ މަތިން ގޯތިތެރޭގައި ކުނި އެއްޗެހި
އެންދުމަށްޓަކައި ރޯކޮށްފައިވާ އަލިފާންގަނޑެއް ހުއްޓެވެ. ގިނައިރު ވުމުގެ ސަބަބުން
އެ އަލިފާންގަނޑު ހުރީ ކޮންމެވެސް ވަރަކަށް ނިވިފައެވެ. މި
ދެމަފިރިންގެ އާދަކާދައިގެ މަތިން ހެނދުނުގެ ނާސްތާ ނިންމާލުމަށް ފަހު ދުވަހުގެ
ކަރުހިއްކުން ފިލުވާލީ މި ކުށެއްނެތް މައުސޫމް ފުރާނައިންނެވެ. ބަލާއަށް
މުޞީބަތަށް ގޮވަވަމުން ވޭނީ އާދޭހާއެކު ރޯލަ ރޯލާ އޮތް އެ ކުށެއްނެތް
މައުސޫމް ތުއްތު ތުއްތު ދަރިފުޅު ވަލުޖަނަވާރެއް ހެން ހުރާލީ އެއްކަލަ
އަލިފާންގަޑު ތެރެއަށެވެ. ނޮޅާލާފައި ފިހެން އަލިފާންގަނޑަށް އެއްލާލި ކުކުޅެއް
ހެންނެވެ. އެދެމަފިރިންގެ ރަޙުމުގެ ކަންފުޅެއްވެސް ނެތެވެ. އެވަގުތު އެގޭގައި
ދައެއްގެ ކައިރީގައި ފުޑަން
އިން މެދު ޢުމުރުގެ އަންހެނަކަށް އެ މަންޒަރު ފެނުމާއެކު ދުވެފަ ގޮސް ރޯލަ ރޯލާ އޮތް އެ މަޢުސޫމް
ތުއްތު ތުއްތު ކުއްޖާ އަލިފާންގަނޑުން ނެގި އެވެ. އެހެން ނަމަވެސް އޭރު އެ މައުސޫމް ތުއްތު
ހަށިގަނޑު ވަނީ ވަރަށް ބޮޑަށް ފިހިފައެވެ. ދުވަސް ވަރަކީ އެފަދަ ކަމަކަށް ފަރުވާ ލިބެވޭފަދަ
އެއްވެސް ވަޞީލަތެއް ހުރި ދުވަސް ވަރެއް ނޫނެވެ. އެހެން ކަމަށް ވުމާއެކު މާ
ލަސްތަކެއް ނުވެ އެ މަޢުސޫމް ފުރާނަ އަބަދުގެ އަބަދަށް މިދުނިޔެއާ
އަލްވަދާޢު ކިޔައިފިއެވެ.
..................
އިންނާލިއްލާހި
ވައިންނާއިލައިހި ރާޖިޢޫން. ކުރާނެކަމެއް ނެތެވެ. ކުށެއްނެތް ތުއްތު ތުއްތު ލޯބި
ކުއްޖެކެވެ. މައިންބަފައިންގެ އިހުމާލުން މިދުނިޔެއާއި އަބަދުގެ އަބަދަށް
އަލްވަދާއު ކިއީއެވެ. އަޅެ މިއީ ހިތެއްވެސް ނެތް ބަޔަކާއި ބަފައެއް ހެއްޔެވެ.
ކުލުނާ އަގަލެއްވެސް ނެތެވެ. މިއީ އިންސާނުންނެތް ނޫނެވެ. ވަލު ޖަނަވާރުންނެވެ.
އެހާވެސް ޖަނަވާރުކަން ބޮޑެވެ. މާތްﷲ މި މައުސޫމް ކުއްޖާއަށް ސުވަރުގޭގެ ދާއިމީ
ނިއުމަތްލައްވާށި. އާމީން.
މިވާހަކައިން
އިބްރަތެއް ހާޞިލްވި ނަމަވެސް ގިނަ
މައިންބަފައިންނަކީ އަމިއްލަ ދަރިންދެކެ ލޯބިވާ ބައެކެވެ. އެއީ ތިމާގެ ފުރާނަކަން
ދަނެގެން ދަރިންނަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ބޮޑެވެ. ނަމަވެސް މުޖްތަމަޢުގައި
މިކުދިންނަށް އެއްވެސް ރަޙުމެއް، ހަމްދަރުދީއެއް ނުބަހައްޓާ މީހުންނާއި މައިންބަފައިން
އުޅޭއިރު، މައިންބަފައިންގެ މުށުތެރޭގައި މިވާ ތުއްތު ތުއްތު
ކުއްޖަކީ މާތް ﷲ ދެއްވާފައިވާ ބޮޑު ހަދިޔާއެކެވެ. އެއީ ތިމާގެ ދަރިޔެކެވެ. ތިމާގެ ލެއެވެ. އަދި ތިބާ އަކީ އެކުއްޖާގެ މައިންބަފައިންނެވެ. އެއީ
ތިބާގެ އަމުރަށް ފުރިހަމައަށް ކިޔަމަންތެރިވާ މަޢުޞޫމް ކުއްޖެކެވެ.
އެކުއްޖާގެ ޚަރަދު ބަރަދު ބެލެހެއްޓުމަކީ ތިބާގެ ބޮލުގައި އެޅިފައިވާ
ވާޖިބެކެވެ. އެދަރިފުޅަށް ރަގަޅު ތަރްބިއްޔަތެއްދީ، ހެޔޮމަގަށް އެޅުވުމަކީ ތިބާގެ
މަސްޢޫލިއްޔަތެކެވެ. ކުއްޖާގެ ކަންތަކާއި ފަރުވާ ކުޑަކޮށް
ދުނިޔޭގެ ޒީނަތްތެރިކަން ހޯދަން މަސައްކަތްކޮށްފިމީހާ އަކީ ދެދުނިޔެއިން
ފެއިލްވެފައިވާ މީހެއްކަން ކަށަވަރެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ
ކުރިން އެކަމަށް ފިޔަވަޅު އަޅަންޖެހެއެވެ. ނޫންނަމަ ތިމާގެ އަތުގައިވާ
އެންމެ އަގުބޮޑު ހަދިޔާ ގެއްލިގެން ދިޔައީއެވެ.
ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް
އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ.
ދަރިންނަކީ މާތްﷲ ތިމާއާއި ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެކެވެ. އެއަމާނާތް ފުރިހަމައަށް އަދާކޮށްފިނަމަ
އެމީހަކަށް މާތް ﷲގެ ޙަޟްރަތުން އެތައް ރަޙްމަތެއް ލިބިގެންވެއެވެ. ހަމައެފަދައިން
ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވެއްޖެނަމަ އެކަމަށް ހައްޤު ޖަޒާވެސް
ދެއްވައެެވެ. ހަމައެހެންމެ އިސްލާމްދީނުގައި ދަރިން
ތަފާތުކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ.
އިސްލާމްދީން އަންގަވާފައިވަނީ ހުރިހާ ކުދިންގެ މެދުގައި ހަމަހަމަ ކޮށް
ކަންތައް ކުރުމަށެވެ. ދަރީންގެ ޅަފަތުގެ ދުވަސްތަކާ
ހެދިބޮޑުވެ ފުރާވަރަށް އަރާއިރު އަޅުގަނޑުމެން އެކުދިންގެ ކާމިޔާބީތަކަށްޓަކައި
އުފާކުރަންޖެހެއެވެ. ތުއްތު އިރުގެ ހަނދާންތައް އަލްބަމްތަކާއި
ސީޑީ ތަކުގެ އެހީގައި ރައްކާކުރަމުންދާ ފަދައިން އެކުދިންގެ ބެލެހެއްޓުންތެރިކަމުގެ
ދަށަށް އަޅުގަނޑުމެން ދާންޖެހޭ އުމުރަށް އަޅާއިރު އެފަދަ
ރަޙްމުހުރި ޤާބިލް ކުދިންކަމުގައި ވުމުގެ ފޮނި އުންމީދުތައް ބައެއް މައިންބަފައިން
ކުރަމުންދެއެވެ. އެކަމަކު، މި ނަތީޖާ ހާޟިލް ވަނީ ކިތައް
މައިންބަފައިންނަށްބާ!
...............
No comments:
Post a Comment