Monday, March 2, 2015

މައިންބަފައިންގެ މުށުތެރޭގައިވާ ތުއްތު ކުއްޖާއަކީ މާތްﷲ ދެއްވާފައިވާ އަގުބޮޑު ހަދިޔާއެއް



އަޅުގަނޑުމެންގެ ތެރެއިން ގިނަމީހުންނަކީ އަމިއްލަ ދަރިން ނުވަތަ ތިމާގެމީހުންދެކެ ވަރަށްބޮޑަށް ލޯބިވާ ބައެކެވެ. ޚާއްސަކޮށް ކުޑަކުއްޖެއްނަމަ އޭނާއަށްދެވޭ އަޅާލުމާއި، އޯގާތެރިކަން ބޮޑެވެ. ނަމަވެސް މުޖްތަމަޢުގައި މިކުދިންނަށް އެއްވެސް ރަޙުމެއް، ހަމްދަރުދީއެއް ނުބަހައްޓާ މީހުންނާއި މައިންބަފައިން އުޅޭއިރު، މައިންބަފައިންގެ މުށުތެރޭގައި މިވާ ތުއްތު ތުއްތު ކުއްޖަކީ މާތް ﷲ ދެއްވާފައިވާ ބޮޑު ހަދިޔާއެކެވެ. އެއީ  ތިމާގެ ދަރިޔެކެވެ. ތިމާގެ ލެއެވެ.  އަދި ތިބާ އަކީ އެކުއްޖާގެ މައިންބަފައިންނެވެ. އެއީ ތިބާގެ އަމުރަށް ފުރިހަމައަށް ކިޔަމަންތެރިވާ މަޢުޞޫމް ކުއްޖެކެވެ. އެކުއްޖާގެ ޚަރަދު ބަރަދު ބެލެހެއްޓުމަކީ ތިބާގެ ބޮލުގައި އެޅިފައިވާ ވާޖިބެކެވެ. އެދަރިފުޅަށް ރަގަޅު ތަރްބިއްޔަތެއްދީ، ހެޔޮމަގަށް އެޅުވުމަކީ ތިބާގެ މަސްޢޫލިއްޔަތެކެވެ. ކުއްޖާގެ ކަންތަކާއި ފަރުވާ ކުޑަކޮށް ދުނިޔޭގެ ޒީނަތްތެރިކަން ހޯދަން މަސައްކަތްކޮށްފިމީހާ އަކީ ދެދުނިޔެއިން ފެއިލްވެފައިވާ މީހެއްކަން ކަށަވަރެވެ. އެހެންކަމުން، ވަގުތު ފާއިތުވުމުގެ ކުރިން އެކަމަށް ފިޔަވަޅު އަޅަންޖެހެއެވެ. ނޫންނަމަ ތިމާގެ އަތުގައިވާ އެންމެ އަގުބޮޑު ހަދިޔާ ގެއްލިގެން ދިޔައީއެވެ. ކޮންމެ ކުއްޖަކުވެސް ދުނިޔެއަށް އުފަންވަނީ ފިޠުރަތުގެ ސާފުކަން މަތީގައެވެ.  ދަރިންނަކީ މާތްﷲ ތިމާއާއި ހަވާލު ކުރައްވާފައިވާ ބޮޑު އަމާނާތެެކެވެ.  އެއަމާނާތް ފުރިހަމައަށް އަދާކޮށްފިނަމަ އެމީހަކަށް މާތް ﷲގެ ޙަޟްރަތުން އެތައް ރަޙްމަތެއް ލިބިގެންވެއެވެ. ހަމައެފަދައިން ދަރިން ތަރުބިއްޔަތު ކުރުމުގައި އިހުމާލު ވެއްޖެނަމަ އެކަމަށް ހައްޤު ޖަޒާވެސް ދެއްވައެވެ.

އެހެންކަމުން ބެލެނިވެރިޔާގެ  ވާޖިބަކަށް ވާންވީ ރަނގަޅު ކަންތައްތަކަށް ދަރިފުޅަށް މަގު ދެއްކުމާއި ގޯސް ކަންތައްތަކަށް އެރިޔަނުދީ މަގުބަންދު ކުރުމެވެ. މީގެ އިތުރަށް، ދަރިފުޅު އިޖުތިމާޢީ ގުޅުން ހުންނަ ގޮތާމެދު ބެލެނިވެރިން ފަރުވާތެރި ވާންޖެހެއެވެ. ގޯސްކޮށް އުޅޭ ކުދިންނާއި ދުރުކޮށް ރަނގަޅަށް އުޅޭ ކުދިންނާ ރަޙުމަތްތެރި ކުރުވަންޖެހެއެވެ. ކުޑަކުދިން ނަކަލު ކުރާނީ އެކުދިންގެ ވަށައިގެން ފެންނަ ބޮޑެތި މީހުންގެ އުސޫލެވެ. މިކަމަށް ސަމާލުވެ ދަރިފުޅުގެ މައިން ބަފައިންނާއި ޢާއިލާގެ ހުރިހާ މެމްބަރުން ދަރިފުޅަށް ރީތި މިސާލު ދައްކަންޖެހެއެވެ.

ނަމަވެސް ގިނަފަހަރަށް ދެމަފިރިން ވަކިވުމަށްފަހު ކުދިން އެކަނިވެ، އެކުދިންނަށް އަޅާނުލެވޭތަން އާދޭ. ފިރިމީހާ އަނބިމީހާ ދެކެ އަންނަ ރުޅި އެ ދަރިފުޅަށްވެސް ބާލައެވެ. އަދި އަނބިމީހާ ފިރިމީހާ ދެކެ އަންނަ ރުޅިވެސް ބާލަނީ ގިނަ ފަހަރަށް އެދަރިފުޅަށެވެ. މިހެން ވުމުން އެދަރިފުޅު އެކަނިވެރިވެ މަގުމަތި ކުރުވައެވެ. އަދި މިފަދަ މައިންބަފައިންގެ އިހުމާލުން އެކުދިން މަގުއޮޅިގެންދެއެވެ.

ހަމައެހެންމެ އިސްލާމްދީނުގައި ދަރިން ތަފާތުކުރުމަކީ ބޮޑުވެގެންވާ ޙަރާމް ކަމެކެވެ. އިސްލާމްދީން އަންގަވާފައިވަނީ ހުރިހާ ކުދިންގެ މެދުގައި ހަމަހަމަ ކޮށް ކަންތައް ކުރުމަށެވެ. ދަރީންގެ ޅަފަތުގެ ދުވަސްތަކާ ހެދިބޮޑުވެ ފުރާވަރަށް އަރާއިރު އަޅުގަނޑުމެން އެކުދިންގެ ކާމިޔާބީތަކަށްޓަކައި އުފާކުރަންޖެހެއެވެ. ތުއްތު އިރުގެ ހަނދާންތައް އަލްބަމްތަކާއި ސީޑީ ތަކުގެ އެހީގައި ރައްކާކުރަމުންދާ ފަދައިން އެކުދިންގެ ބެލެހެއްޓުންތެރިކަމުގެ ދަށަށް އަޅުގަނޑުމެން ދާންޖެހޭ އުމުރަށް އަޅާއިރު އެފަދަ ރަޙްމުހުރި ޤާބިލް ކުދިންކަމުގައި ވުމުގެ ފޮނި އުންމީދުތައް ބައެއް މައިންބަފައިން ކުރަމުންދެއެވެ. އެކަމަކު، މި ނަތީޖާ ހާޟިލް ވަނީ ކިތައް މައިންބަފައިންނަށްބާވައެވެ!

ކަންމިހެން ހުރިނަމަވެސް ނަފްސާނީގޮތުންނާއި ޖިސްމާނީގޮތުންވެސް ކުއްޖަކަށް ގެއްލުމެއް ދީގެންނުވާނެއެވެެ.  އެހެނީ މިފަދަ ކަމެއްގެ ސަބަބުން ކުއްޖާގެ އަމިއްލަ ނަފްސަށްކުރާ އިތުބާރު ދަށްވެގެންދިއުމާއި،  ހިތުގައިޖެހޭނެހެން ހަޑި އެއްޗިހި ގޮވުމުން ކުއްޖާއަށް ތިމާއަކީ އެއްވެސް މީހެއް ނޫނޭ ކުއްޖާއަށް ހީވެގެންދެއެވެ. އަދި ބާރަށް ކުޑަކުދިންނާއި ދިމާލަށް ހަޅޭއލަވައި "ކަލޭތީ ޖަނަވާރެކޭ" ނުވަތަ "ބަކަރި" އޭ ފަދަ ހަޑިބަސްތަކުން ކުޑަކުދިންނާއިމެދު މުޢާމަލާތުކުރުން މައިންބަފައިންނާއިމެދު ކުއްޖާގެ ހިތުގައި ނަފުރަތު އުފެދިގެންދެއެވެ. ހަމައެހެން ބަންދު ނުވަތަ އަނދިރި ތަންތަނަށް ކުޑަކުދިން ލައިބަންދުކޮށް ބިރުގެންނެވުންފަދަ ކަންކަމަކީވެސް ކުޑަކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި ގެއްލުންލިބޭނެ ކަންކަމެވެ.

ދަރިންނަށް ނަފްސާނީގޮތުން ލިބޭ ގެއްލުންތަކުގެ އިތުރުން ކުޑަކުދިންނާއިމެދު އިހުމާލުވުމަކީވެސް ކޮންގެންވާނެކަމެއް ނޫނެވެ. ކުދިންނާއިމެދު އިހުމާލުވުމަކީ ކުއްޖަކަށް އެކަށީގެންވާ ބޯހިޔާވަހިކަމާއި، ހެދިބޮޑުވުމަށް ބޭނުންވާ ކާނާއާއި އަންނައުނާއި، ތަޢުލީމު އުގަންނައިދިނުމުގެ އިތުރުން ރަނގަޅު ތަރުބިއްޔަތު ދިނުންފަދަ ކަންކަމާއިމެދު މައިންބަފައިން ނުވަތަ ބެލެނިވެރިން ފަރުވާކުޑަކުރުމެވެ. ނަމަވެސް މިކަންތައް ކުރަންޖެހޭފަރާތް ތަކުން، ކުއްޖާއަށް މިކަންތައްތައް ހޯދައިދިނުމަށް މަސައްކަތްކޮށް ، އާމްދަނީ ހުރިގޮތުގެ ސަބަބުން ކޮށްނުދެވިއްޖެ ނަމަ ނުވަތަ ބައެއްފަހަރު ކުޅޭ އެއްޗެއް، މެޓާ ގަނެނުދިނުން އެއީ އިހުމާލުވީއެއްނޫނެވެ. އެކަމަކު ކަންނެތްކަމުން ނުވަތަ ކުރަންވާވަރަށް މަސައްކަތްނުކުރުމުން، ލިބޭ އާމްދަނީ މަސްތުވާތަކެއްޗަށް ދުއްވާލައިގެން ނުވަތަ މުހިއްމު ނޫން ކަންތައްތަކަށް ހޭދަކޮށްގެން ކުޑަކުދިންނާއި މެދު ފަރުވާކުޑަ ކުރެވިއްޖެ ނަމަ އެއީ އެމީހެއްގެ ޒިންމާ ނުއުފުލުނީ. ދަރިންނާއި އަޅާނުލެވުނީއެވެ. އަދި އެއީ މައިންބަފައިންނަށް ކުރެވޭ ވަރަށް ބޮޑު ކުށެކެވެ.

ބައެއްފަހަރު މައިންބަފައިންގެ ފަރާތުން ނުވަތަ ތިމާގެ މީހުންގެ، ރައްޓެހީންގެ ފާރުތުންވެސް ގެއްލުމެއް ލިބިދާނެ. ހަމައެހެން ނުދަންނަ ހިލޭ މީހެއްގެ ފަރާތުންވެސް ގެއްލުމެއް ލިބިދާނެއެވެ. ނަމަވެސް ކުޑަކުދިންނާއިމެދު އިހުމާލުވުމުން ލިބޭ ގެއްލުމަކީ އަބަދުވެސް މައިންބަފައިން ނުވަތަ ބެލެނިވެރިންގެ ފަރާތުން ލިބޭގެއްލުމެކެވެ. އަދި ހަމައެހެންމެ ކުޑަކުދިންނަށް ލިބެމުންދާ ތަފާތުވައްތަރު ތަކުގެ ގެއްލުންތަކަކީ، ރެއެކާއި ދުވާލުން ހުއްޓުވާލެވޭނެ ކަމެއް ނޫނެވެ. ފުރަތަމަ ކަމަކީ މައިންބަފައިންނާއި، ކުޑަކުދިން އަދި މުޅި މުޖުތަމަޢުގެ ހޭލުންތެރިކަން މިކަމުގައި އިތުރުކުރުމެވެ. ދަރިންނަކީ މައިންބަފައިންނަށް ﷲ ހަވާލުކުރައްވާ ފައިވާ އަމާނާތެއްކަމަށް ވީހިނދު، ދަރިފުޅަށް އޭނާ ތަފާތު ކުރާކަން އިޙުސާސް ވުމަކީ، ނަފުސާނީ ގޮތުން ނުރަނގަޅު އަސަރު ކުރާނެ ކަމެކެވެ.  

ކަންމިހެން ހުރިނަމަވެސް މައިން ބަފައިންގެ ލޯބިން މަހްރޫމްވެ އެކަނިވެރި ބިކަހާލުގައި ޖެހި މުޖުތަމަޢުގައި އުޅެމުންދާކުދިން މަދުން ނަމަވެސް ފެންނަމުންދޭ. ނަމަވެސް މިފަދަ ކުދިންގެ ތެރެއިން މަދު ކުއްޖެއް ފިޔަވައި ގިނަ ކުދިންނަށް މަގުއޮޅިދެއެވެ. ބައެއް ކުދިންނަށް މައިންބަފައިންގެ ލޯބި ނުލިބުނަސް އެކުދިން މައިންބަފައިންދެކެ ލޯބިވެއެވެ. އެކުދިން ކިތަންމެ ހާލެެއްގައި އުޅުނަސް މައިން ބަފައިން ކަމަކަށް އެދިއްޖެނަމަ އެކަމެއް ކޮށްދެއެވެ. އަދި ގޯސްކޮށް އުޅުމުގެ ބަދަލުގައި ރަނގަޅު ގޮތް އިހުތިޔާރުކުރެއެވެ.

 ދަރިންނޭ! މައިންބަފައިންގެ ލޯބި ނުލިބުނަސް ތިމާގެ ހިތުގައި އެލޯބި އަބަދުވެސް އޮންނަން ޖެހެއެވެ. އަދި މައިންބަފައިންގެ އަޅާލުން ނުލިބުނޭކިޔާފައި މުޖުތަމަޢުގެ ތެރެއަށް ނިކުމެ ވިޔާނުދާގޮތަށް އުޅުމަކީ ތިމާ އަމިއްލައަށް ތިމާގެ ދިރިއުޅުމަށް ފައިން އެރުންފަދަ ކަމެކެވެ. މީގެ ބަދަލުގައި ތިމާގެ ހިތުގެ އަޤީދާ ވަރުގަދަކޮށް މުސްތަޤްބަލްގައި ތިމާއަކީވެސް މައިންބަފައިންގެ ލޯބި ލިބޭނެ މީހަކަށް ވުމަށްޓަކައި ކެރިގެން ކުރިމަތިލާންޖެހެއެވެ. ގޯސް މަގަކުން ދިއުމުގެ ބަދަލުގައި ރަނގަޅުގޮތް އިހްތިޔާރު ކުރަންޖެހެއެވެ. އޭރުން ﷲ އިރާދަފުޅުން ތިބާއަށް ކާމިޔާބު ލިބޭނެކަން ކަށަވަރެވެ.

........................

No comments:

Post a Comment