Tuesday, March 3, 2015



ޖިންސީ ގޯނާތަކުގެ ވާހަކަ


ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމަކީ އެކުދިންނަށްދެވޭ ބޮޑު އަނިޔާއެއް

އިންޑިޔާކަނޑުގެ މާސިންގާ ބިޔަރާޅުތަކުގެ މެދުގައި އޮންނަ މި ކުޑަ ދިވެހިރާއްޖެއަކީ ސުލްހަވެރި އަމާން ޤައުމެކެވެ. އަމާން ކަމާއި ސުލްހަވެރިކަމާއެކު ފާއިތުވި ދިގުމާޒީގައި އަޅުގަނޑުމެން އުފާފާޅުކޮށް އުޅުނު ނަމަވެސް ނަވާރަސަތޭކައިގެ ފަހުކޮޅު އަޅުގަނޑުމެންގެ މިއަމާން ޤައުމަށް މަސްތުވާތަކެތީގެ ނާމާންކަން ކުރިމަތިވިއެވެ. މަސްތުވާތަކެތީގެ ވަބާ މުޅި ޤައުމުގައި ވަކި ހިއްޕާލުމާއެކު ދެން ފެނިގެން ދިޔައީ ވެރިކަންކުރާ މާލެއާއި އާބާދީ ބޮޑެތި އަތޮޅުތަކުގައި ނުރައްކާތެރި ގުރޫޕުތައް ނުވަތަ ގޭންގުތައް ހީވެސް ނުކުރާހައި އަވަހަށް އުފެދި ޙަރަކާތްތެރިވާން ފެށި މަންޒަރެވެ. ނަމަވެސް މިއުފެދުނު ގޭންގުތަކުގެ ނުރައްކާ އަޅުގަނޑުމެންގެ ޢާއިލާތަކަށް ކުރަންފަށައި، އަޅުގަނޑުމެންގެ އަންހެން ދަރިންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ، ވަކިވަކި ފަރުދުންގެ ގޮތުގައާއި ގުރޫޕް ގުރޫޕަށް ބޮޑެތި ފާޙިޝް ޢަމަލުތައް ހިންގަން ފެށިއެވެ.

ހަމައެއާއެކު އިވިގެންދިޔަ އެންމެ އަސަރުކުރުވަނިވި ވާހަކައަކީ އަޅުގަނޑުމެންގެ ތުއްތު ތުއްތު މައުޞޫމް ދަރިންނަށް ބޮޑެތި މީހުންގެ ކިބައިން ލިބެމުންދާ އަނިޔާތަކުގެ ވާހަކައެވެ. ޖިސްމާނީ އަނިޔާތަކާއި، ޖިންސީ ގޯނާކުރުމާއި، ނަފްސާނީގޮތުން ގެއްލުންދިނުމާއި، އެކުދިންނަށް އިހުމާލުވާ މައްސަލަތަކުގެ ވާހަކައެވެ. މުޖުތަމަޢުގައި މިފަދަ އަމަލުތައް ހިންގަން ފެށުމާއެކު، މިމައްސަލަތައް ފުލުހުންނަށް ފެންމަތިކުރުވައި، ފުލުހުންނަށް އިތުރު ގޮންޖެހުންތަކަކާއި ކުރިމަތިކުރުވިއެވެ. އަދި އަޅުގަނޑުމެންގެ ޅަދަރިންގެ ހައްޤުގައި ފުލުހުންގެ ތަހްޤީޤް ޓީމުތަކުން މިފަދަ ބޮޑެތި ފާހިޝް އަމަލުތައް ހިންގާފަރާތްތަކާމެދު ހަރުކަށި ފިޔަވަޅުތަކެއް އަޅަންފެށިއެވެ.

އެގޮތުން އދ. އިން އެކުލަވާލާފައިވާ ''ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް'' ގައި 1991 ވަނަ އަހަރު ދިވެހިރާއްޖެއިން ސޮއިކުރުމާއެކު ، އެކަމަށް ބޭނުންވާ ޤާނޫނުތަކާއި ޤަވާއިދުތައް ހަދައި ، ކުޑަކުދިންނަށް ނަފުސާނީގޮތުންނާއި ޖިސްމާނީގޮތުން އަނިޔާ ކުރާފަރާތްތައް ހޯދާ އެފަދަ ފަރާތްތަކާއިމެދު ޤާނޫނީގޮތުން ފިޔަވަޅު އަޅަންފެށުނެވެ.  އަދި މިފަދަ ކުށްކުރާފަރާތްތައް ހޯދުމަށް ރެއާދުވާލު ފުލުހުންގެ ޓީމްތައް ހަރަކާތްތެރިވާން ފެށުމާއެކު، ކަމާގުޅޭ ސަރުކާރުގެ މުއަށްސަސާތަކުންވެސް މިކަމަށް އަވަސް ފިޔަވަޅުތަކެއް އަޅަން ފެށިއެވެ. އެގޮތުން މަސާޖު ޕާލާތަކުގަ އާއި ގެސްޓްހައުސްފަދަ ތަންތަނުގައި ފައިސާއަށް ހަށިވިއްކުމާއި، ދަރިންނަށް މައިން ބަފައިންގެ ފަރާތުން ލިބޭ ޖިސްމާނީ އަދި ޖިންސީ ގޯނާތަކާއި، ކުޑަކުދިންނާމެދު ގަދަކަމުން ބަދުއަހްލާޤީ އަމަލުތައް ހިންގާ ފަރާތްތަކާއި އަދި މިނޫންވެސް ބަދުއަހްލާޤީ އަމަލުތައް ހިންގާ ތަންތަން ބަލާހޯދާ، އެފަދަ ތަންތަނާމެދު ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތް ފުލުހުން މިހާރުވެސް ގެންދަނީ ކުރަމުންނެވެ.

އެގޮތުން 2011 ވަނަ އަހަރު ގެ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ތަފާތު ހިސާބުތަކަށް ނަޒަރު ހިންގާލާއިރު، 642 ޖިންސީ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވެއެވެ. ނަމަވެސް މީގެތެރެއިން 349 މައްސަލައެއްގެ ތަޙްޤީޤް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. އަދި 214 އާއިލީ މައްސަލައެއް ހުށަހެޅުނުއިރު 33 މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވިފައެވެ. ހަމައެހެންމެ ކުޑަކުދިންނާމެދު ބަދުއަހްލާޤީ އަމަލު ހިންގުމުގެ 262 މައްސަލައެއް ހުށަހެޅި އޭގެތެރެއިން 135 މައްސަލައެއްގެ ތަޙްޤީޤް ނިންމާ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް މިހާރު ވަނީ ހުށަހަޅާފައެވެ. މީގެތެރޭގައި މައިންބަފައިން ދަރިންނަށް އިހްމާލުވާ މައްސަލަތަކާއި، މައިންބަފައިންގެ ފަރާތުން ދަރިންނަށް ލިބޭ ޖިންސީ ހާނިކަތަކާއި ޖިސްމާނީ އަނިޔާތަކުގެ މައްސަލަތައްވެސް ހިމެނެއެވެ. އަދި 2012 ވަނަ އަހަރު 577 ޖިންސީ މައްސަލައެއް ފުލުހުންނަށް ހުށަހެޅިފައިވާއިރު 2013 ވަނަ އަހަރުގެ ފުރަތަމަ 6 މަސް ދުވަހު އެކަނިވެސް ފުލުހުންނަށް ހުށަހެޅުނު މިފަދަ މައްސަލަތަކުގެ އަދަދު ވަނީ 309 އަށް އަރާފައެވެ.

ކަންމިހެން ހުރިނަމަވެސް މިފަދަ މައްސަލަތައް ބެލުމުގައި ފުލުހުންނަށް ކިތަންމެބޮޑު ގޮންޖެހުންތަކަކާއި ކުރިމަތިލާން ޖެހުނުނަމަވެސް، މިފަދަ ކުދިން ރަނަގޅުގޮތުގައި ތަރުބިއްޔަތުކުރުމާއި، ކުދިންނަށް އިހްމާލުވުމުގައި މައިންބަފައިންގެ އިސްރޯލެއްވެއެވެ. އަޅުގަނޑުމެން ބޮޑެތި މީހުންނެކޭ އެއްފަދައިން ކޮންމެ ކުއްޖަކީވެސް އުފާވެރި މުޞްތަޤްބަލަކަށް އެދޭނެ ކުއްޖެއް. އާއިލާގެ އެއްބައިވަންތަކަމާއި، އަޚްވަންތަކަށް ދަމަހައްޓަން ބޭނުންވާނެކުއްޖެކެވެ. ނަމަވެސް އާއިލާގެ ތެރޭގައި ހިމެނޭ އެއްވެސް މެންބަރަކު އާއިލާގެ އެއްވެސް ކުއްޖެއްގެ މުސްތަޤްބަލް މިފަދަ ހަޑިމުޑުދާރު ގޮތަކަށް ވެއްޔާއި މޮޑެލާ މީހަކު އާއިލާއެއްގެ ތެރޭގައި ހުރިނަމަ އެއާއިލާއަކަށް ހިތްހަމަޖެހުމާއި، ފާގަތިކަން ލިބޭނީ އެމީހަކު އާއިލާއިން ބޭރުކޮށްގެން، ނުވަތަ އަމިއްލައަށް އިޞްލާޙްވެ މަޢާފަށް އެދި ކުށަށް ތަޢުބާވެގެންނެވެ. އަދި އެކަމުގެ ހައްޤުވާ އަދަބްވެސް ލިބިގެންނެވެ. އޭރުން މިފަދަ ނިކަމެތިކަން ލިބޭ ކުދިން މިދިވެހި މުޖުތަމަޢުއިން މަދުވާނެކަން ޔަޤީނެވެ.

މައިން ބަފައިންގެ ފަރާތުން މިފަދަ ޖިންސީ އަނިޔާތައް ލިބެމުންދާ ކުދިންނަށް މިފަދަ ޢަމަލުކުރާ މައިންބަފައިންނާ ދޭތެރޭ ޢަމަލުކުރަން ޖެހޭގޮތާއި ބެހޭގޮތުން ޢިލްމުވެރިން ވިދާޅުވަނީ މައިން ބަފައިންގެ ޙައިޘިއްޔަތުން ކުރަން ޖެހިއްޖެ ކަމެއް ފިޔަވައި އެހެން ކަންތައް ތަކުން ދުރުވެ އެއްކިބާ ވުމަށެވެ. އެމީހުންގެ އެބާވަތުގެ އެންމެހާ ޢަމަލުތަކަށް އިންކާރު ކުރެވެން އޮތްގޮތަކަށް އިންކާރު ކުރުމަށެވެ.
މައިން ބަފައިންނަށްޓަކާ ދަރިން އަދާކުރަންޖެހޭ ޙައްގުތަކެއް ވެއެވެ. އެޙައްގުތައް އަދާކުރުންމަތީ ދެމިހުންނަންޖެހޭނެ. ކޮންމެ ފަރާތަކުންވެސް އަނެއްފަރާތަކަށް އަދާކުރަންޖެހޭ ޙައްގުތައް އަދާކުރުންމަތީ ދެމިހުންނަން ޖެހޭނެއެވެ. ކޮންމެ ފަރާތަކުންވެސް އަނެއްފަރާތަކަށް އަދާކުރަންޖެހޭ ޙައްގު އަދާ ނުކުރުމުން އެކަމުގެ ސުވާލު އަންނާނީ އެފަރާތަކަށް! ތިމާމެންގެ ބާއްޖަވެރިކަން ބިނާވެފައިވަނީ ތިމަތިމާމެންގެ މައްޗަށް ވާޖިބުވެގެންވާ ޙައްޤުތައް އަދާކުރުންމަތީ ދެމިހުރި މިންވަރަކުންނެވެ. ކީރިތިﷲ ރުހިވޮޑިގެންވާ އަނަސުގެ ފާނުގެ އަރިހުން ރިވާވެގެންވާ ކީރިތިރަސޫލުﷲގެ ފާނުގެ ބަސްފުޅެއްގެ މާނައިވޭ ''އެމީހެއްގެ ރިޒުޤު ތަނަވަސް ވުމަށް އެދޭމީހާ، އަދި އެމީހެއްގެ ޢުމުރު ދެމިހުރުމަށް އެދޭމީހާ ފަހެ، ތިމާގެ ކަން ވާސިލްކުރާ ހުށިކަމެވެ! '' ދެޝައިޚުން ރިވާކުރެއްވިއެވެ.

މިއީ އަޅުގަނޑުމެން މައިން ބަފައިން މިއަދު ފުންކޮށް ވިސްނާ ފިކުރުކުރަން ވެއްޖެކަމެކެވެ. އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ނޫންނަމަ އާއިލާގެ މެމްބަރަކު ތިމާގެ ދަރިން ނުވަތަ އާއިލާގެ ކުއްޖަކަށް މިފަދަ ގޮތަކަށް ހާނިކަކޮށް މުޖުތަމަޢު އިން ބާކީކުރާކަށެއް ބޭނުމެއް ނުވާނެއެވެ. ހަމަ ޔަޤީނުންވެސް މައިން ބަފައިންނަކީ އަޅުގަނޑުމެންގެ ޅަދަރިންގެ މުސްތަޤްބަލެވެ. އެކުދިންގެ މުސްތަޤްބަލަށް ހެޔޮއެދޭ އެއްވެސް މަޔަކު ނުވަތަ ބަފަޔަކު ދަރިންގެ މުސްތަޤްބަލް ވެއްޔާލާ މޮޑެ ކަފުންކޮށް ވަޅުލާކަށް ބޭނުމެއް ނުވާނެއެވެ. އެހެންކަމަށް ވީހިނދު އަޅުގަނޑުމެންގެ ޅަދަރިންނާމެދު މިފަދަ ޢަމަލުތައްކުރާ މައިން ނުވަތަ ބަފައިން މިފަދަ ޢަމަލުތައް ދަރިންނާއި މެދު ނުހިންގުމަށް އަޅުގަނޑުމެން ނަޞޭހަތްތެރިވަމެވެ. އަދި ކުއްޖަކާމެދު މިފަދަ ޢަމަލެއް ހިންގާކަމަށް ޝައްކުކުރެވޭނެމަ އެކަން ސިއްރު ނުކުރައްވާ ކަމާބެހޭ ފަރާތްތަކަށް އަންގަވާ އެކަން ރިޕޯރޓްކުރުން މުހިންމެވެ. އަދި ތިމާގެ އުފަން ދަރިންނަށް ޖިންސީ ގޯނާ ކުރާ މީހުން ނުވަތަ ތިމާގެ މީހުން މިހާރުން މިހާރަށް އެފަދަ ޢަމަލުތައް ހުއްޓުވުމަށް ގޮވާލަމެވެ. މިއީ އެކުދިންނަށް ދެވޭ ވަރަށް ބޮޑު ހާނިކައެކެވެ. ވަރަށް ބޮޑު އަނިޔާއެކެވެ.

އެހީތެރިވެދެއްވީ: އައްސައިހް އުސްމާން އަބްދުﷲ (2010)
.................................

No comments:

Post a Comment